ކޮވިޑް-19 އަށް ޚާއްސަކޮށްގެން އެމެރިކާގެ ބަޔޯޓެކްނޮލޮޖީ ކުންފުނި، މޯޑާނާއިން އުފައްދާ ވެކްސިން ދިނުމުން މަދުވެގެން ހަމަސް ދުވަސްވަންދެން ކޮވިޑް-19 ގެ އެންޓިބޮޑީސް ހަށިގަނޑުގައި ދައުރުވާކަމާއި، އެކަމުގެ ސަބަބުން ބަލީގެ ނުރައްކަލުން ސަލާމަތްވާ ކަމަށް ދައްކައިފިއެވެ.

މޮޑާނާއިން ކުރިޔަށްގެންދާ ވެކްސިން ތަހުލީލުތަކުގެ އެންމެ ފަހުގެ ނަތީޖާތައް ހާމަކޮށް އެ ކުންފުނިން ބުނެފައި ވަނީ ހަ މަސް ދުވަހާއި ހަމައަށް ކޮވިޑް-19 ގެ ނުރައްކަލުން ރައްކާތެރިކޮށްދޭނީ މި ވެކްސިންގެ ދެޑޯޒް ހަމަކުރުމުން ކަމަށެވެ. އަދި ދެވަނަ ޑޯޒަށްފަހު އެންމެ މަދުވެގެން ހަމަސް ދުވަހާއި ހަމަޔަށް ބަލީގައި ބޮޑުވަރުނުވެ ރައްކާތެރިކޮށްދިނުމުގެ 95 އިންސައްތަ ފުރުސަތު އޮންނަކަން މިހާރު ޔަޤީންކުރެވިފައި ވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މޮޑާނާ އިން އުފައްދާ ކޮވިޑް-19 ގެ ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާ އެންމެ އުންމީދު ބޮޑު އެއް ވެކްސިނެވެ. މި ވެކްސިން 90 އިންސައްތަ ކާމިޔާބުކަން ދާދިފަހުން ކުރިޔަށް ގެންދިޔަ ތަހުލީލުތަކުން ހާމަވެފައި ވެއެވެ.

މޮޑާނާއިން އުފައްދާ ވެކްސިން ބޭނުންކޮށް ދައުރުކުރުމުގެ ހުއްދަ އަދި މުޅީން ލިބިފައެއް ނުވެއެވެ. ނަމަވެސް ޚާއްސަ ޙާލަތްތަކުގައި އުމުރުން 18 އަހރުން މަތީގެ މީހުންނަށް މި ވެކްސިން ދިނުމުގެ ހުއްދަ ވަނީ ލިބިފައެވެ. އަދި މިގޮތުގެ މަތީން މިހާރު ގިނަ ބަޔަކަށް ވެކްސިން ދީފައިވެސް ވެއެވެ.

މޮޑާނާއިން މިވަގުތު ކުރިޔަށް ގެންދަނީ ވެކްސިން ތަހުލީލުތަކުގެ ތިންވަނަ ފޭސް އެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށްގެން ކުރިޔަށްގެންދާ މި ފޭސްގެ ތަހުލީލުތަކަށް ފަހު ވެކްސިންގެ ކާމިޔާބުކަން އިތުރަށް ކަށަވަރުވާނެ ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ވެކްސިނަށް ފުރިހަމަ ހުއްދަ ލިބިގެންދާނެކަމުގެ އުންމީދު ބޮޑުކަމަށް މޮޑާނާއިން ބުނެއެވެ.

މޮޑާނާ ވެކްސިންގެ ތަހުލީލުތައް ހަލުވިކަމާއެކު ކުރިޔަށް ގެންދާއިރު، އެ ކުންފުނިން އަންނަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށްވެސް މި ވެކްސިން އެކަށީގެންވޭތޯ ބެލުމުގެ ތަހުލީލުތައް ކުރަމުންނެވެ.

ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ ކޮވިޑް-19 ވެކްސިންތަކުގެ ގިނަ ތަހުލީލު ކުރިޔަށް ގެންދަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިން ބައިވެރި ނުކޮށެވެ. އެހެންކަމުން ކާމިޔާބު ވެކްސިނެއް ހޯދުނަސް ކުޑަކުދިންނަށް މި ބަލިމަޑުކަމުގައި ރައްކާތެރިކަން ލިބިދޭނެ ގޮތެއް ނުލިބި އެތައް ދުވަހެއް ވެގެން ދިއުމުގެ ކަންބޮޑުވުން އެބައޮތެވެ.

މޮޑާނާގެ އިތުރުން އެމެރިކާގެ ފައިޒާ ކުންފުނިން އުފައްދާ ވެކްސިންގެ ތަހުލީލުތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ. މި ވެކްސިންވެސް ކުޑަކުދިންނާއި ތުއްތު ކުދިންނަށް އެކަށީގެންވޭތޯ ބެލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މޮޑާނާއާއި ފައިޒާގެ އިންގިލާބީ ވެކްސިނާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ފުރާނައެއް ސަލާމަތް ކުރުމުގެ އުއްމީދު ވަނީ އާވެފައެވެ.