ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާއިން އުފައްދާފައިވާ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ދިން އެގައުމުގެ މީހަކު މަރުވެއްޖެއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ލޭގަނޑުވުމުގެ މައްސަލަތަކާއި ގުޅިގެންނެވެ. އެގައުމުގައި މި ވެކްސިން ދިން އެކަކު މަރުވެފައިވާއިރު، ވެކްސިން ދިން އިތުރު މީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން އަންނަ ކަމަށް އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ސައިންސްވެރިއެއް ކަމަށްވާ ޕީޓަރ މާކްސް ވިދާޅުވެފައި ވެއެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ވެކްސިން ދިން މީހުންގެ ތެރެއިން 18 އަހަރާއި 48 އަހަރާއި ދެމެދުގެ 6 މީހެއްގެ ސިކުނޑީގެ ލޭގަނޑުވުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެފަދަ މައްސަލަތަކެއް ދިމާވެފައިވަނީ ވެކްސިން ދިންތާ 6 ދުވަހާއި 13 ދުވަސް ފަހުން ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

"ވެކްސިން ދިން އެކަކު މަރުވެއްޖެ. އަނެކަކުގެ ހާލަތު ސީރިއަސް" ޕީޓަރ މާކްސް ވިދާޅުވެފައި ވެއެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ދިން މީހަކު މަރުވެފައިވާއިރު، އެގައުމުގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ސީނިއާ އޮފިޝަލެއް ކަމަށްވާ އޭން ޝުޝަޓް ބުނެފައިވަނީ މީގެ އެއްމަސް ކުރިން ވެކްސިން ދިން މީހުންނަށް އެފަދަ ކަންކަން ދިމާވުން އެއީ ނާދިރު ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ވެކްސިން ޖެހި ފަހުން އެފަދަ އަލާމާތްތަކެއް ފެންނަނަމަ ޑޮކްޓަރަށް ދައްކަން އެކަން ހިއްސާ ކުރުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހި މީހެއްގެ ލޭގަނޑުވެ، މަރުވެފައިވާއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖެހި ގިނަ އަދަދެއްގެ މީހުންގެ ލޭގަނޑުވެ މަރުވެފައިވާ މައްސަލަތައްވެސް ދަނީ ފެންމަތިވަމުންނެވެ.