މިސްރުގައި ބަހަކާއި ލޮރީއެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 20 މީހަކު މަރުވެ، ތިން މީހަކު ޒަހަމް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިސްރުގެ ވެރިރަށް ކައިރޯއިން ދަތުރު ކޮށްފައި ދިޔަ ބަހެއްގައި ސިމެންތި ބަރުކޮށްގެން ދިޔަ ލޮރީ ޖެހިގެންނެވެ. މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގި ވަގުތު ލޮރީ އޮތީ ދިމާވި މައްސަލައަކާއި ގުޅިގެން މަޑު ކޮށްގެންނެވެ.

އެގައުމުގެ ސިޓީއެއް ކަމަށްވާ އަސީޔަތްގައި ހިނގި މި އެކްސިޑެންޓް ހިނގިތާ މާ ގިނަ އިރުތަކެއް ނުވަނީސް ބަހުގައި ރޯވި ކަމަށާއި މީހުން ސަލާމަތް ކުރުމަށް އުނދަގޫތަކެއް ދިމާވި ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އެ މީހުން ސަލާމަތް ކުރުމަށް އެކްސިޑެންޓް ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ސަރަހައްދަށް ހަ އެމްބިއުލާންސް ދިޔައެވެ.

އެގައުމުގައި ހިނގާ އެފަދަ ގިނަ އެކްސިޑެންޓްތަކަކީ ދުއްވާ މީހާގެ ކުށުން ދިމާވާ އެކްސިޑެންޓްތައް ކަމަށް އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.