ކޮވިޑް-19 އިން ދިފާއުވުމަށް ޗައިނާ އާއި ރަޝިއާ އިން އުފައްދާފައިވާ ވެކްސިންތައް ގައުމުތަކަށް ހަދިޔާ ކުރުން އެއީ ކުރިއަށް އޮތްތަނުގައި އެދެގައުމުގެ ނުފޫޒު ވަރުގަދަވެ އެމެރިކާއަށް އެކަމުގެ ގެއްލުން ލިބިގެން ދާނެ ކަމެއް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފިއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ސެނެޓަށް ފޮނުވި ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާ އާއި ރަޝިއާގެ އަމަލުތަކުގެ ސަބަބުން ހާރިޖީ ގޮތުން އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށެވެ. މިދިޔަ އަހަރު ފަހުކޮޅު ސެނެޓަށް ފޮނުވި މިރިޕޯޓް ކުރިން އޮތީ ސިއްރު ކޮށްފައެވެ. ނަމަވެސް އަންގާރަ ދުވަހު ރިޕޯޓް ވަނީ އާއްމު ކޮށްފައެވެ.

"ހާއްސަކޮށް ޗައިނާގެ ނުފޫޒު ގަދަވަމުން އައުން އެއީ އެމެރިކާއަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

އެމެރިކާގެ ކުންފުނިތަކުން ކޮވިޑް ވެކްސިން އުފެއްދުމުގައި ކުރިއެރުންތައް ހޯދާފައި ވީނަމަވެސް އެމެރިކާ އިން ގައުމުތަކަށް ވެކްސިން ހަދިޔާއެއް ނުކުރެއެވެ. އެމެރިކާ އިން މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާ އަށް ލިބިފައިވާ ވެކްސިންތައް އެމެރިކާގެ ރައްޔިތުންނަށް ދީގެން އެމެރިކާގެ ރައްޔިތުން އާއްމު ދިރިއުޅުމަކަށް ގެނެވޭތޯއެވެ. އެމެރިކާ އިން ވެކްސިން ހަދިޔާ ކުރަމުން ނުގެންދާތީ ހާރިޖީ ދާއިރާގެ ތަޖުރިބާކާރުން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވި ބަލި އިތުރަށް ފެތުރިގެން ދާނަމަ ފަގީރުކަން އިތުރުވެ، ހިޖުރަކުރާ މީހުންގެ މައްސަލައަކީ ގައުމުތަކުގެ ސަލާމަތައް އޮތް ބޮޑު ނުރައްކަލަކަށް ވެސް ވެގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކަށް ރިޕޯޓްގައި ވަނީ ލަފާ ދީފައެވެ.

ރިޕޯޓްގައި ފާހަގަ ކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފައްދަން މަސައްކަތް ނުކުރާކަމަށް ބުނެފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. ނަމަވެސް 2015 ވަނަ އަހަރު ސޮއި ކުރި އެއްބަސްވުމުގެ ސަބަބުން އީރާނުން ބޭނުންނަމަ ނިއުކްލިއާ ހަތިޔާރެއް އުފެއްދޭ ވަރަށް ޔުރޭނިއަމް ތަރައްގީ ކުރެވިދާނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމުގެދަރި

    ކަންބޮޑުވިޔަސް ނުވިޔަސް އެމީހުން ދޭ އެއްޗެއް އެ މީހުން ދޭނެ. އެމީހުން ދެނީ ކަލޭމެން ފަގީރުކުރަން. އެކަން އެމީހުން ކުރާނެ. އެމީހުން ދަނޭ އެމީހުން އެއްޗެހި ދޭވަރަކަށް ކަލޭމެން އަތުން އެއްޗެހިގަނެގެން ކަލޭމެން ބަޔަކު މުއްސަނދިކޮށް ނުދޭނެކަން. އަދި ކަލޭމެންނަށް މީހަކަށް އެއްޗެއް ދޭން ނުކެރޭނެކަން އެމީހުން ދަނޭ.

  2. ކިޔަމާ

    އަމިއްލަ އަތަށް ގޮވީ