ކޮވިޑް-19 ގެ ވޭދަަނަތައް އިތުރުވެ، ޖަޕާނުގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު ދަނީ އެ ބައްޔަށް ފައްސިވަމުންނެވެ. މި އަހަރުގެ ޖުލައި މަހު ޓޯކިޔޯ އޮލިމްޕިކްސް ބާއްވަން ތާވަލް ކޮށްފައިވާ އިރު، އެ ދުވަހާ ހިސާބަށް އެ ގައުމުގެ ގިނަ ބަޔަކަށް ވެކްސިން ފުރިހަމަ ނުކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ކަމުން، އެ ގައުމުގެ 70 އިންސައްތަ މީހުން ޓޯކިޔޯ އޮލިމްޕިކްސް ބާއްވަން ބޭނުމެއް ނުވެއެވެ.

ނަމަވެސް، ބްރިޓިޝް އޮލިމްޕިކް އެސޯސިއޭޝަންގެ ޗެއާ ސާ ހުގް ރޮބާޓްސަން ބުނެފައި ވަނީ "ގޭމުތައް ކުރިއަށް ދާނެ ކަމުގެ ވަރަށް ޔަގީންކަން އެބައޮތް" ކަމަށެވެ.

އޭނާ ބުނެފައިވަނީ މި އަހަރުގެ އޮލިމްޕިކްސްގައި އެހެން ގައުމުތަކުގެ ސަޕޯޓަރުން ނުވައްދަން ނިންމާފައިވާއިރު، ކޮވިޑުން ރައްކާތެރި ވުމުގެ ފިޔަވަޅުތަކާ އެކު ޖުލައިގައި އޮލިމްޕިކްސް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އޮލިމްޕިކްސް ޖުލައި 23 ގައި ފައްޓަން ނިންމާފައިވާއިރު، އެގައުމުގައި ވެކްސިން ދޭން ފެށީ މި ހަފްތާގައެވެ. ލޯކަލް ނޫހެއްގައި ބޭއްވި ޕޯލް އެއްގައި ޖަޕާނުގެ 70 އިންސައްތަ މީހުން ވޯޓު ދީފައިވަނީ ގޭމުތައް ކުރިޔަށް ދާން ބޭނުން ނުވާ ކަމަށެވެ. ސަބަބެއް ކަމުގައި ބެލެވެނީ ކޮވިޑް ވޭދަނަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ގިނަ އަދަދެއްގެ މީހުންނަށް ގޭމް ފެށެންވާ އިރަށް ވެކްސިން ނުދެވޭނެތީއެވެ.

ނޫހުގައި ނެގި ވޯޓާ ގުޅޭ ގޮތުން ރޮބާޓްސަން ބުނެފައިވަނީ އެ ނަތީޖާ ފެނިގެން އޭނާ ހައިރާން ނުވާ ކަމަށެވެ. ގައުމު ފުރަބަންދު ކޮށްފައި ވަނިކޮށް ހަފްލާއެއް ބާއްވަން ނިންމައިފި ނަމަ، އެކަމަށް ތަރުހީބު ދޭނެ މީހުން މަދުވާނެ ކަމަށް އޭނާ ބުންޏެވެ.