ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ އިންޑިއާގެ ރާޖަސްތާން ސްޓޭޓުގެ ހުރިހާ އަވަށެއްގައި ކާފިއު އިއުލާނުކޮށްފި އެވެ. އެ ސްޓޭޓުގައި ކާފިއު އިއުލާނުކޮށްފައި ވަނީ ބުދަ ދުވަހު އެވެ.

ރާޖަސްތާނުގައި ކާފިއު އިއުލާނުކޮށް އެ ސްޓޭޓުގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައި ވަނީ ކާފިއު ހިންގަން ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރިލް 16 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި މިވަގުތު ކާފިއު ހިންގާނީ އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ރާޖަސްތާނުގައި ކާފިއުގެ މުއްދަތު ކަނޑައަޅާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ. އެ ސްޓޭޓުގައި ކާފިއު ހިންގަން ނިންމާފައިވަނީ ކޮވިޑް-19 ގެ ސަބަބުން މުޅި ސްޓޭޓުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއްވެސް އެކުލަވާލާފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ޢާންމުން އެއްތަންވެ އުޅުމުގެ ގިނަ އުސޫލުތަކާއި، އާންމު ބައެއް ޚިދުމަތްތަކާއި ކިޔެވުން ކުރިޔަށްގެންދިއުން ވަކި މުއްދަތަކަށް ހުއްޓާލުމުގެ އުސޫލުތައް ފާހަގަކޮށްލެވެއެވެ.

ރާޖަސްތާނުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 375،000 އަށް އަރައެވެ. އަދި އެ ސްޓޭޓުން އެކަނިވެސް ތިންހާހެއްހައި މީހުން މި ބަލީގައި މަރުވެފައި ވެއެވެ. އޭގެތެރޭގައި އަންގާރަދުވަހު އަލަށް ފެންމަތިވި 5500 އަށްވުރެ ގިނަ ފައްސި ވޭދަނަ އާއި 28 މަރު ހިމެނެއެވެ.

އިންޑިއާއަކީ މިވަގުތު މުޅި ދުނިޔެއިންވެސް ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސްވެފައިވާ ޤައުމެވެ. އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް ދެލައްކައެއްހައި މީހުން އަލަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

އިންޑިއާގައި ހިފެހެއްޓުމެއްނެތި ކޮވިޑް-19 ފެތުރެމުން އަންނާތީ އެޤައުމުގެ އެހެން ބައެއް ހިސާބުތަކުގައި ވެސް ކާފިއު ހިންގަމުން އެބަދެއެވެ. ނަމަވެސް އެޤައުމުގައި މިބަލިމަޑުކަން ފެތުރޭ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ، މިބަލީގައި ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. މިހާތަނަށް އެޤައުމުން ޖުމްލަ 14 މިލިއަން މީހުން ފައްސިވެ 173،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު