ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާގެ އިތުރު މިނިސްޓަރަކު ފައްސިވެއްޖެ އެވެ. ރިޕޯޓްތައް ބުނާގޮތުން އެޤައުމުން އެންމެ ފަހުން މި ބައްޔަށް ފައްސިވެފައިވާ މިނިސްޓަރަކީ އުއްތަރ ޕްރަދޭޝްގެ މިނިސްޓަރ، ޔޯގީ އަދިތްޔަނަތު އެވެ.

އަދިތްޔަނަތު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ ބުދަ ދުވަހު ނެގި ސުންކަކުންނެވެ. އޭނާ މި ބައްޔަށް ފައްސިވުމާއެކު މިހާރު ހުންނެވީ އަމިއްލަފުޅަށް ގޭގައި އެކަހެރިވެވަޑައިގެންނެވެ. މިކަން ހާމަކޮށް އަދިތްޔަނަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ފައްސިކަން އެނގިވަޑައިގަތީ ބަލީގެ ޢަލާމާތްތައް ފެނުމުން ހެދި ޓެސްޓަކުން ކަމަށެވެ.

ކޮވިޑް-19 ޖެހުނު ނަމަވެސް ހާލުކޮޅު ރަނގަޅުކަން ހާމަކުރައްވަމުން އަދިތްޔަނަތު އިތުރަށް ވިދާޅުވީ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދަވާ ކަމަށާއި، މިވަގުތު ކުރަންޖެހޭ މަސައްކަތްތައް ގޭގައި ހުންނަވައިގެން ކުރިޔަށްގެންދަވާނެ ކަމަށެވެ. ހަމައެހެންމެ ފާއިތުވެދިޔަ ދުވަސްތަކުގައި އޭނާއާއި ބައްދަލުވީ މީހުން ރައްކާތެރިކަމުގެ އުސޫލާއި އެއްގޮތަށް ޢަމަލު ކުރުމަށްވެސް އަދިތްޔަނަތު އެދިވަޑައިގެންނެވި އެވެ.

އަދިތްޔަނަތު ކޮވިޑް-19 އަށް ފައްސިވިއިރު ދާދިފަހުން އުއްތަރ ޕްރަދޭޝްގެ އިސް ބައެއް އެހެން ބޭފުޅުންވެސް މި ބައްޔަށް ފައްސިވެފައި ވެއެވެ. މި ބޭފުޅުންނަށް ކޮވިޑް-19 ޖެހުނީ އުއްތަރ ޕްރަދޭޝްގައި ބޭއްވި ބުދުދީނުގެ ބޮޑު ހަފްލާއަކަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގައި ކަމަށް ވަނީ ބެލެވިފައެވެ.

އަދިތްޔަނަތު ކޮވިޑް-19 އަށް ފައްސިވުމާއެކު އެޤައުމުން މި ބައްޔަށް ފައްސިވީ މިނިސްޓަރުންގެ އަދަދު 17 އަށް އެރީއެވެ.

އަދިތްޔަނަތު މިނިސްޓަރުކަން ކުރައްވާ އުއްތަރ ޕްރަދޭޝްއަކީ އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ ސްޓޭޓްތަކުގެ ތެރެއިން ސްޓޭޓެކެވެ. އެ ސްޓޭޓުން އިއްޔެ ވެސް ރެކޯޑް އަދަދަކަށް މީހުން ފައްސިވެ، ބަލީގައި ރެކޯޑް އަދަދަކަށް މީހުން މަރުވެފައި ވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް އުއްތަރ ޕްރަދޭޝް އިން ޖުމްލަ 723،000 އަށްވުރެ ގިނަ މީހުން ފައްސިވެ، އޭގެތެރެއިން 9300 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މީގެ ތެރޭގައި އިއްޔެ ފައްސިވި 18000 އަށްވުރެ ގިނަ މީހުންނާއި، ބަލީގައި އިއްޔެ މަރުވި 85 މީހަކު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު

    "އެންމެ ފަހުން މި ބައްޔަށް ފައްސިވެފައިވާ މިނިސްޓަރަކީ އުއްތަރ ޕްރަދޭޝްގެ މިނިސްޓަރ، ޔޯގީ އަދިތްޔަނަތު އެވެ." އެއީ ޗީފް މިނިސްޓަރ.