ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ތުރުކީން ހަތަރު މިލިއަން މީހުން ފައްސިވެއްޖެ އެވެ. އެޤައުމުން ފައްސިވި މީހުންގެ އަދަދު ހަތަރު މިލިއަނަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު އެތަށް ހާސް ބަޔަކަށް މި ބަލި ޖެހުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ތުރުކީން އިއްޔެ އެކަނިވެސް އިތުރު 62,797 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ އެޤައުމުގައި ކޮވިޑް-19 ފެތުރެން ފެށިފަހުންވެސް މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އިއްޔެ ރެކޯޑް އަދަދަކަށް ތުރުކީން ފައްސި ވޭދަނަ ފެންމަތިވުމާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 4,025,557 ގައެވެ. އެޤައުމަކީ މިވަގުތު ދުނިޔެއިން ހަތްވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ތުރުކީގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ ޢަދަދުތަކަށް ވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް އިތުރު 279 މީހަކު ހިމެނޭހެން ތުރުކީން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 34,734 އަށް އަރާފައެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ތުރުކީން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 3,480,146 މީހެކެވެ. އަދި މިވަގުތު އެޤައުމުން ކޮވިޑަށް ފަރުވާ ހޯދާ ބައިމިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން 3018 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.