އެމެރިކާ ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ހޯދުމަށްޓަކައި ޑިމޮކްރަޓިކް ޕާޓީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން ބިލެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ ރައީސް ކަމުގައި ޑޮނަލްޑް ޓްރަމްޕް ހުރިއިރު އައްޔަން ކުރި ފަނޑިޔާރުންނާއިއެކު މިހާރު ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު އޮންނަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ފިކުރަށް ތާއިދު ކުރާ ފަނޑިޔާރުންނަށެވެ.

ޑިމޮކްރަޓިކް ޕާޓީގެ ކޮންގްރެސް މެންބަރުން މިހާރު ވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ނުވަ ފަނޑިޔާރުންގެ ބަދަލުގައި 13 ފަނޑިޔާރުންނަށް އަދަދު އިތުރު ކުރަން ބިލެއް ހުށަހަޅާފައެވެ. މިހާރު ކޮންގްރެސް އާއި ސެނެޓްގެ އަޣުލަބިއްޔަތު ވެސް ޑިމޮކްރަޓިކް ޕާޓީއަށް އޮތުމުން މިބިލް ފާސްވުމާއިއެކު އިތުރު ހަތަރު ފަނޑިޔާރަކު އައްޔަން ކުރުމުގެ އިހްތިޔާރު ޑިމޮކްރަޓިކް ޕާޓީއަށް ލިބިގެންދާނެއެވެ.

2014 ވަނަ އަހަރު ރާއްޖޭގައި ވެސް ވަނީ މިފަދަ ކަމެއް ކޮށްފައެވެ. އެފަހަރު ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ސަރުކާރުން ހޯދުމަށް ހަތް ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރިއެވެ.

ޑިމޮކްރަޓިކް ޕާޓީ އިން ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ހޯދަން ކުރަމުން އަންނަ މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެމެރިކާގެ ތާރީޚްގައި ވެސް ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ހޯދަން ސިޔާސީ ޕާޓީއަކުން ހިންގާ އެންމެ ހުތުރު އަމަލެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފްތާގައި ވިދާޅުވީ ސުޕްރީމް ކޯޓު އެތުރިފައި އޮތް ގޮތައް ބަދަލެއް ގެނައުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ ވަރަށް ރަނގަޅަށް ކަންކަން ދިރާސާ ކޮށްފައި ކަމަށެވެ. މިހާރުން މިހާރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 13 އަށް އިތުރު ކުރަން ބައިޑެން ތާއިދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓު 1789 ވަނަ އަހަރު އުފެއްދި ފަހުން އަދި މިހާތަނަށް ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައީ އެންމެ ފަހަރަކު އެވެ. އެއީ 1869 ވަނަ އަހަރު އެވެ. އެއަހަރު ވަނީ ފަނޑިޔާރުންގެ އަދަދު ނުވައަކަށް އިތުރު ކޮށްފައެވެ.

ރިޕަބްލިކަން ޕާޓީ އިން ބުނާ ގޮތުގައި ސުޕްރީމް ކޯޓަށް ގެނަން އުޅޭ ބަދަލުގެ ސަބަބުން އެމެރިކާ އިތުރަށް ބައިބައިވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 6އެތި

    އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކި ފިކުރަކަށް ތާއީދުކުރީމަ ކިހިނެތްތަ އެންމެންނަށް އިންސާފު ލިބެނީ؟ ޕާޓީތައް ހަދައިގެން ކުޅެން ބޭނުންވަނީ ހަމަ އެންމެ ކުޅިގަނޑެއް އެންމެންވެސް.