ޒަމާންވީ ދެހަތުރުން ކަމަށްވާ އުތުރު ކޮރެއާ އާއި އެމެރިކާގެ ލީޑަރުން ބައްދަލުކޮށް، ސުލްހައިގެ އުއްމީދު އާކޮށްދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި މިއަދު ބައްދަލުކޮށް މުޅި ދުނިޔެ އިންތިޒާރު ކުރަމުން ގެންދިޔަ ސަމިޓް މިހާރު ވަނީ ފައްޓަވާފައެވެ. ދެގައުމުގެ ދިދަތައް ކައިރީގައި ޓްރަމްޕް އާއި ކިމް ސަލާމަތް ކުރައްވާ މީޑިއާ އާއި ވާހަކަދައްކާނެ ދުވަހެއް ފެނިދާނެ ކަމަށް މީގެ ދެތިން މަސްކުރިން ވެސް އެއްވެސް މީހަކު ހިއެއް ނުކުރެއެވެ. ނަމަވެސް މިއަދު ވަނީ އެހީކުރުންތަކަށް ބަދަލު އައިސްފައެވެ.

ކިމް އާއި ބައްދަލުކުރުމަށް ފަހު ޓްރަމްޕް ބުނީ ބައްދަލުވުން "ވަރަށް ވަރަށް ރަނގަޅު" ކަމަށެވެ. ޓްރަމްޕް އާއި ކިމް އިތުރު އޮފިޝަލެއް ނެތި 38 މިނެޓް ވަންދެން ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު ޓްރަމްޕް ބުނީ ދެގައުމުގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ.

ކިމް ވިދާޅުވީ ޓްރަމްޕް އާއި ބައްދަލުކޮށް މަޝްވަރާ ކުރުމާއި ހަމައަށް އައުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ މާޒީގައި ހިނގާފައިވާ ކަންތައްތައް އަބަދުވެސް ވަނީ އަޅުގަނޑުމެންގެ ބައެއް ފިޔަވަޅުތައް ހުއްޓުވާފައި. އެހެންކަމުން މިހިސާބަށް އައުން މިއީ ފަސޭހަ ކަމެއް ނޫން." ކިމް ވިދާޅުވިއެވެ.

ޓްރަމްޕް އާއި ކިމްގެ ފުރަތަމަ ބައްދަލުވުން މިހާރު ނިމިފައި ވާއިރު މިއަދު ބައިލެޓްރަލް ބޮޑު ބައްދަލުވުން އަދި ކުރިއަށް ދާނެއެވެ. އެބައްދަލުވުމުގައި ޓްރަމްޕް އާއި ކިމްގެ އިތުރުން ދެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އެޑްވައިޒަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ދެގައުމުގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާ މެންދުރުގެ ފަރިއްކޮޅެއް ވެސް މިއަދު އޮންނާނެއެވެ.

މިއަދު އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ނިމުމަކަށް އަންނައިރު އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލަ ހައްލު ކުރަން ކޮންމެވެސް އެއްބަސްވުމެއް ގާއިމު ކުރެވޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.