އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިހާރު މުޅި ދުނިޔެ އިން ވެސް ހާލަތު އެންމެ ގޯސް އެއްގައުމަކީ އިންޑިއާއެވެ. އިންޑިއާގެ އެތައް ހޮސްޕިޓަލެއް ވަނީ ކޮވިޑްގެ ބަލި މީހުންނުން ފުރިފައެވެ.

ހާލަތު އެންމެ ގޯސް އެއްހޮސްޕިޓަލް ކަމަށްވާ ވެރިރަށް ނިއުދިއްލީގެ އެލްއެންޖޭޕީ ހޮސްޕިޓަލަށް ބަލާއިރު ވޯޓްތައް ވަނީ ފުރިފައެވެ. ހޮސްޕިޓަލްގައި އެނދެއް ބެހެއްޓެން ހުރި ހުރިހާ ތަނެއްގައި ވަނީ އެނދުތައް ބަހައްޓާފައެވެ. ކޮންމެ އެނދެއްގައި ދެ ބަލި މީހުން ބާއްވައިގެން އެމީހުންނަށް ފަރުވާ ދެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮންމެ އެނދެއްގައި ދެމީހުން ބާއްވައިގެން އެމީހުންނަށް އޮކްސިޖަން ގުޅައިގެން ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން ދާއިރު ހޮސްޕިޓަލްގެ އެތެރެއިން ފެންނަން އޮތީ ބިރުވެރި މަންޒަރެކެވެ.

"ހޮސްޕިޓަލަށް ގެންނަ މީހުންގެ އަދަދު މަދެއް ނުވޭ. އަދަދު އަންނަނީ ހައްތަހާ އިތުރުވަމުން. މިހާރު ވެސް ހޮސްޕިޓަލްގައި ސިއްހީ އެހީތެރިން މަސައްކަތް ކުރަމުން ގެންދަނީ ފުލްކެޕޭސިޓީގައި. އިތުރަށް އެންމެ ބަލި މީހަކު ބާއްވާނެ ޖާގައެއް ވެސް ނެތް. ނަމަވެސް އަންނަ ބަލި މީހުންގެ އަދަދު މަދުނުވާތީ ދެން ކުރެވެން އޮތް ހުރިހާކަމެއް މިދަނީ ކުރަމުން." ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

54 ބަލި މީހުން އެޑްމިޓް ކުރެވޭވަރުގެ ހޮސްޕިޓަލްގައި ހާލުބޮޑު 300 އަށްވުރެ ގިނަ މީހުންނަށް މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ފުރިފައި އޮތީ ހަމައެކަނި ހޮސްޕިޓަލްގެ އެނދުތަކެއް ނޫނެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުނުލެވި މޯޔަރީ ވެސް ވަނީ ފުރިފައެވެ. އެހެންވެ ހޮސްޕިޓަލްގެ އެކި ތަންތަނުގައި މަރުވެފައިވާ މީހުންގެ ހަށިތައް މިހާރު ވެސް ބަހައްޓާފައި އެބަހުއްޓެވެ.

އިންޑިއާގެ ވަރަށް ގިނަ ހޮސްޕިޓަލްތަކުގެ ހާލަތު ހުރީ މިގޮތަށެވެ. މަހާރާޝްތުރަގެ ހާލަތު އަދި މިއަށްވުރެ ވެސް ގޯހެވެ.

އިންޑިއާގައި މިއަހަރު ފެށުނުއިރު ކޮވިޑް އޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައެވެ. ނަމަވެސް ދުވަހަކަށްވުރެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އިއްޔެ އާއި މިއަދު ވަނީ ގާތްގަނޑަކަށް ހަތަރު ލައްކަ މީހުން ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު