ކޮވިޑް-19 ޖެހިގެން ފްރާންސުން މަރުވި މީހުންގެ އަދަދު އެއްލައްކައަށް އަރައިފިއެވެ.

ފްރާންސުން މިހާތަނަށް 5.1 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެތެރެއިން 100,073 މީހުން ވަނީ މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައެވެ.

ފްރާންސުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ފަހުކޮޅު ވަރަށް ބޮޑަށް މަދުވި ނަމަވެސް މިހާރު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއަދު ވެސް ފްރާންސުން 38000 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ފްރާންސްގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ފްރާންސް ފުރަބަންދު ކުރަން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް ފްރާންސްގެ ރައީސް އެމަނުއެލް މްރޮކޯން ގެންދަވަނީ ފްރާންސް ފުރަބަންދު ކުރަން ދެކޮޅު ހައްދަވަމުންނެވެ.

މެކްރޯން އިތުރު ދައުރަކަށް އިންތިހާބު ކުރުމާއިމެދު ފްރާންސްގެ ރައްޔިތުން ގޮތެއް ނިންމުން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން އޮންނާނެއެވެ. ފްރާންސްގެ ރިޔާސީ އިންތިހާބާއި ހަމައަށް ދާއިތު ކޮވިޑް ކޮންޓްރޯލްކޮށް އިގްތިޞާދު އަލުން އެންމެ ފުރިހަމައަށް ހުޅުވާލުން އެއީ އިންތިހާބު ކާމިޔާބު ކުރުމަށް މެކްރޯން ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ފްރާންސަކީ ކޮވިޑް ޖެހިގެން އަށް ވަނަ ދުނިޔެ އިން އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު ކޮވިޑް ޖެހިގެން ތިންވަނަ އަށް އެންމެ ގިނަ މީހުން މަރުވީ ފްރާންސުންނެވެ.

ފްރާންސުން މިހާރު ވަނީ 15.75 މިލިއަން މީހުންނަށް ވެކްސިން ދީފައެވެ. ފްރާންސްގެ އާބާދީ 67.06 މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު