ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުންވެސް މިބައްޔަށް ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ދުވަހަކަށް އިއްޔެ ވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ދުނިޔެއިން ޖުމްލަ 845,408 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި ފައްސިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހުއެވެ. އެ ދުވަހު ދުނިޔެއިން 845,424 މީހަކަށް ކޮވިޑް-19 ޖެހުނެވެ. އެހެންކަމުން މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހާއި އިއްޔެ ފައްސިވި އަދާއި ހުރީ 16 މީހުންގެ ފަރަގެކެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާއިރު، އިއްޔެ އިތުރު އެތައް ލައްކަ ބަޔަކު ހިމެނޭހެން މިހާތަނަށް ދުނިޔެއިން ފައްސިވި މީހުންގެ ޖުމްލަ އަދަދު 140 މިލިއަނަށް ވަނީ އަރާފައެވެ. އަދި މި ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ ތިން މިލިއަނުގައެވެ. މީގެ ތެރޭގައި އިއްޔެ މަރުވި 13800 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެ، އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނަނީ އަވައްޓެރި އިންޑިއާގައެވެ. މިގޮތުން އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު ދެލައްކައަށްވުރެ ގިނަ މީހުން ފައްސިވެ، ހާހަކަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އިންޑިއާއަކީ މިވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު މި ބަލިން އަރައިގަތުމަށް ގިނަ މަސައްކަތްތަކއް ކުރެވެމުން ދެއެވެ. މިގޮތުން ޤައުމުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގިނަ އުސޫލުތައް އެކުލަވާލާފައި ވާއިރު މި ބަލިން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ގިނަ ވެކްސިންތަކެއްގެ ތަހުލީލޫ މަސައްކަތް ވެސް ކުރެވެމުން އެބަދެއެވެ.

ކޮވިޑް-19 އަށް އުފައްދާފައިވާ ބައެއް ވެކްސިންތައް މިހާރު ރާއްޖޭ ހިމެނޭހެން ގިނަ ޤައުމުތަކުގައި ބޭނުން އެބަކުރެއެވެ. ނަމަވެސް ވެކްސިން ބޭނުންކުރަން ފެށުމުންވެސް މިބަލިމަޑުކަމުގައި ދުނިޔެއިން ފެންމަތިވާ ވޭދަނަތަކުގެ ޢަދަދުތަކަށް ލުޔެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު