ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް މިދިޔަ އެއް ހަފްތާ ތެރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަސް މިލިއަން މީހުން ފައްސިވެ، 80,000 މީހުން މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔެއިން މިދިޔަ އެއް ހަފްތާގެ މުއްދަތުގައި 5,065,779 މީހުން އަލަށް ފައްސިވެފައި ވެއެވެ. އަދި އިތުރު 80,783 މީހަކު މިދިޔަ އެއް ހަފްތާ ތެރޭ މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މިއީ މީގެ ކުރިޔާއި އަޅާބަލާއިރު ފައްސިވާ މިންވަރު 18 އިންސައްތަ އިތުރު އަދަދެކެވެ. އަދި މަރުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި މަރުވި މީހުންގެ އަދަދު ވަނީ 16 އިންސައްތަ އިތުރުވެފައެވެ.

ރެކޯޑްތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ އެއްހަފްތާގެ މުއްދަތުގައި ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 3.9 މިލިއަން މީހުންނެވެ. މިއީ މީގެ ކުރިޔާއި އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ.

އިސްވެ ފާހަގަކުރެވުނު އަދަދުތަކަށް ބަލާއިރު ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ ނިސްބަތަށްވުރެ މި ބައްޔަށް އަލަށް ފައްސިވާ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް އިތުރެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް މި ބަލިމަޑުކަމުގެ ނުރައްކާ އިތުރަށް ބޮޑުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު ފާއިތުވެދިޔަ ދުވަސްތަކުގައި އެންމެ ނުރައްކާ ބޮޑުވެފައިވަނީ އަވައްޓެރި އިންޑިއާއަށެވެ. އެޤައުމުން މިދިޔަ ހަފްތާގައި އެކަނިވެސް 1.14 މިލިއަން މީހުން އަލަށް ކޮވިޑް-19 އަށް ފައްސިވެ، ހަ ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ބްރެޒިލް އިންނެވެ. މިގޮތުން މި މުއްދަތުގައި އެކަނިވެސް އެޤައުމުން އިތުރު 21,083 މީހަކު މަރުވެފައި ވެއެވެ.

ކޮވިޑް-19 ގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެ، މަރުވީ އެމެރިކާއިންނެވެ. ކޮވިޑް-19 ފެތުރެން ފެށިފަހުން އެޤައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 32 މިލިއަން މީހުން ފައްސިވެ އޭގެތެރެއިން ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކޮވިޑް-19 ގައި މުޅި ދުނިޔޭގެ ޙާލަތަށް ބަލާއިރު މިހާތަނަށް ކޮވިޑް-19 ދުނިޔެއިން ފެނުނު ފަހުން ޖުމްލަ 139 މިލިއަން މީހަކު ފައްސިވެފައި ވެއެވެ. އަދި އޭގެތެރެއިން މިހާތަނަށް 2.9 މިލިއަން މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 118 މިލިއަން މީހުންނެވެ. އެހެންކަމުން އަދިވެސް 17 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލީގައި ފަރުވާދެމުން އެބަދެއެވެ.