ބްރެޒިލްގައި ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސި ވަމުންދާ މި ދަނޑި ވަޅުގައި އެގައުމުގެ ހޮސްޕިޓަލް ތަކުން ބޭސް ހުސްވާން ފަށައިފިއެވެ. އެގޮތުން އިއްޔެ އެގައުމުގައި ކޮވިޑަށް ފައްސިވެފައިވާ މީހަކަށް އިތުރަށް ފަރުވާ ދޭނެ ވަސީލަތްތައް ނެތިގެން ފަރުވާ ކުރުން ހުއްޓާލަައިފައިވެއެވެ.

ހޮސްޕިޓަލް ތަކުގައި ހާލުދެރަ ބަލިމީހުން ތިބުމާއި އެކު، ބްރެޒިލް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް ބޭސް ޝިޕްމެންޓެއް އެގައުމަށް އެެތެރެ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގައުމުގެ ހެލްތް މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ކުއްލި ފަރުވާ ދެވޭނެ އާލާތްތައް ގައުމަށް އެތެރެ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސްޕެއިން އާއި އެހެން ގައުމުތަކާ ވެސް ވާހަކަ ދެކެވިފައި ވާކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުންވާ ވަރަށް އޮކްސިޖެން ހޯދުމަކީ ވެސް ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ.

ބްރެޒިލް އަކީ ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމެވެ. އެގޮތުން އިއްޔެވެސް އެގައުމުން 2،616 މީހުން ކޮވިޑުގައި މަރުވެފައިވެއެވެ. ކޮވިޑުގެ ވޭދަނަތައް އިތުރުވެ، ހާލަތު ގޯހުން ގޯހަށް ދިއުމުން އެގައުމުގެ ރައީސް ބަލްސޮނާރޯއަށް އަންނަނީ އެހެން ގައުމުތަކުން ކުރަމުން އަންނަ ޕްރެޝަރު ބޮޑުވަމުންނެވެ.

ސިއްހީ ދާއިރާގައި އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ ގުރޫޕަކުން ބުނެފައިވަނީ ބްރެޒިލްއަށް ފުރަބަންދުގެ ތެރޭގައި ކަންތައް ކުރަންވީގޮތް ނޭނގުމުގެ ސަބަބުން ފަރުވާ ދީގެން ސަލާމަތް ކުރެވިދާނެ އެތައް ބައެއްގެ ފުރާނަ ގޮސްފައިވާ ކަމަށެވެ. މިހާރު ބްރެޒިލްގެ ހާލަތު ހުރިގޮތުން ކަންތައްތައް އިތުރަށް ގޯހުން ގޯހަށް ގޮސްދާނެ ކަމަށާއި، އެއީ ދެވޭ ބޮޑު އަނިޔާއެއް ކަމަށް އެގުރޫޕުން ބުންޏެވެ.

ފުރަބަންދު ތެރޭގައި ބްރެޒިލްގެ ރައީސް މާސްކު އެޅުން މަޖުބޫރު ނުކޮށް ގިނަ ބަޔަކު އެއްވެ އުޅެ، ހަފްލާތަކެއް ބާއްވާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ނަތީޖާ ވަރަށް ސާފު ކަމަށާއި، އައިސީޔޫގެ އެނދުތަށް ފުރި ގައުމުން ފަރުވާ ދެވެން ނެތް ކަމަށް ބުނެފައިވެއެވެ.