ކޮވިޑް-19 ޖެހިގެން އިންޑިއާގައި 15 ދުވަހުގެ ކުއްޖަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ކުއްޖާއަކީ އެގައުމުގެ ސްޓޭޓެއް ކަމަށްވާ ގުޖްރާތުގެ ޑައިމަންޑް ހޮސްޕިޓަލަށް މިމަހުގެ އެއް ވަނަ ދުވަހު ވިހާފައިވާ ކުއްޖެކެވެ. ކުއްޖާ ވިހެއި އިރުވެސް ބަލި ޖެހިފައިވާ ކަމަށާއި ބަލި ޖެހިފައިވަނީ މަންމަގެ ފަރާތުން ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ވިހެއުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ކުއްޖާގެ މަންމަ އެހެން ހޮސްޕިޓަލަކަށް ބަދަލު ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ކުއްޖާއަށް ފަރުވާ ދީފައިވަނީ އެ ހޮސްޕިޓަލުން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގޮތުން ވިހެއި ދުވަހުން ފެށިގެން ކުއްޖާ އޮތީ ވެންޓިލޭޓަރު ކަމަށާއި ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ދާދި ފަހުން މި ބައްޔަށް ފައްސިވެ، ރަނގަޅު ވެފައިވާ އެ ސްޓޭޓްގެ ކުރީގެ މޭޔަރ ޑރ. ޖަޑިޝް ޕެޓަލް ވެސް ވަނީ އޭނާގެ "ބްލަޑް ޕްލާސްމާ" ހަދިޔާ ކޮށްފައެވެ. އެހެން ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ނުވެ، ފަހު ނޭވާ ލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ހޮސްޕިޓަލާއި ހަވާލާދީ މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

"އަޅުގަނޑުމެންގެ ޑޮކްޓަރުން ވަރަށް މަސައްކަތް ކުރި ކުއްޖާ ސަލާމަތް ކުރެވޭތޯ. އަޅުގަނޑުމެންގެ މައުލޫމާތު ދޮގު ނޫން ނަމަ، އެ ކުއްޖާއަކީ އެ ސްޓޭޓްގައި ކޮވިޑް ޖެހިގެން ނިޔާވި އެންމެ ކުޑަ ކުއްޖާ" ހޮސްޕިޓަލުން ބުންޏެވެ.

އެ ކުއްޖާ ބުރާސްފަތި ދުވަހު ނިޔާވެފައިވާއިރު، ބުދަ ދުވަހު ޓަޕީ އަވަށުން 14 ދުވަހުގެ ކުއްޖަކަށް ބަލި ޖެހިގެން ވަނީ މަރުވެފައެވެ.

އެގައުމުގެ ޑޮކްޓަރުން ބުނާ ގޮތުގައި ކޮވިޑްގެ ފުރަތަމަ ރާޅާއި ހިލާފަށް ފަހުން ފެންމަތިވަމުން އަންނަ ވޭދަނަތަކަށް ތުއްތު ކުދިން ފައްސިވާ މިންވަރު އަންނަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު