މިހާރު މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ހުރީ ކަންބޮޑުވުމާއި، ބިރުވެރިކަން އުފެދޭ މިންވަރުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް ވިދާޅުވެއްޖެއެވެ.

މިއަދު ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެޑްރޯސް ވިދާޅުވީ މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދާއި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ހުރީ މީގެ ކުރިން ދުވަހަކު ވެސް އިތުރުނުވާ މިންވަރެއްގައި ކަމަށެވެ. "މިހާރު މުޅި ދުނިޔޭގެ ރޭޓް ހުރީ ވަރަށް ކަންބޮޑުވާން ޖެހޭ މިންވަރެއްގައި." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ފާއިތުވި ދެމަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ ހަފްތާގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށެވެ. "މިހާރު ބަލި ފެތުރޭ މިންވަރު މިހުރީ ބަލިމަޑުކަން ފެށުނު ފަހުން އަދި އިތުރުނުވާ މިންވަރަކަށް އިތުރުވެފައި." ޓެޑްރޯސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ބައެއް ގައުމުތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައުމަށް ފަހު އަނެއްކާ ކުއްލިއަކަށް ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ޓެޑްރޯލް ވިދާޅުވީ ކޮވިޑް ފެތުރުން އިތުރުވި ނަމަވެސް ބަލި ކޮންޓްރޯލް ކުރަން އަދިވެސް ޑަބްލިއުއެޗްއޯ އިން ދޭން އޮތް ނަސޭހަތައް ބަދަލެއް ނާންނަ ކަމަށެވެ. މީގެ ކުރިން ވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަން އިރުޝާދު ދީފައިވާ ފިޔަވަޅުތައް އަދިވެސް ދަމަހައްޓަން އިލްތިމާސް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް 140 މިލިއަން މީހުން ކޮވިޑަށް މުޅި ދުނިޔެ އިން ފައްސިވެފައި ވާއިރު ތިން މިލިއަން މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ކޮވިޑަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލާއާފާތެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2020 ވަނަ އަހަރުގެ މާޗް 11 ވަނަ ދުވަހުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ޑަބްލިއުއެޗްއޯގެ ދައުރު މާބޮޑަށް ކުޑަކަމަށާއި އެޖަމިއްޔާއަށް ކުރެވޭ މާބޮޑު މަސައްކަތެއް ނެތް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު