އެމެރިކާގެ ޗިކާގޯގައި ފުލުހުން އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު މަރާލި މައްސަލަ ހޫނުވެފައި ވަނިކޮށް، އެމަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ޢާންމުކޮށްފިއެވެ.

މި ހާދިސާ ހިނގި ވަގުތު ފުލުސް މީހާގެ ގައިގައި ހަރުކޮށްފައި ހުރި ބޮޑީކެމް އިން ނަގާފައިވާ ވީޑިއޯ މިހާރު ދައުރުވަމުން ދާއިރު އެ ވީޑިއޯއިން ފުރަތަމަ ފެންނަނީ އޭނާ އެކުއްޖާގެ ފަހަތުން އޭނާ ދުވެފައިދާ މަންޒަރެވެ. އަދި އަތުގައި އޮތް ހަތިޔާރު އެއްލާލުމަށް އަންގާ އަޑުވެސް ވީޑިއޯއިން އިވެއެވެ.

މި ހާދިސާގައި މަރާލާފައި ވަނީ އުމުރުން 13 އަހަރުގެ އެޑަމް ޓޮލޭޑޯ ނަމަކަށްކިޔާ ފިރިހެން ކުއްޖެކެވެ. އޭނާ މަރާލި ފުލުސްމީހާ އަކީ ސްޓިލްމަން ނަމަކަށްކިޔާ 34 އަހަރުގެ މީހެކެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއިން، އެޑަމްގެ ފަހަތުން ސްޓިލްމަން ދުވެފައި ދަނިކޮށް، ވަކި ހިސާބަކުން އެޑަމް މަޑުކޮށްލާ މަންޒަރު ފެނެއެވެ. އޭގެ ސިކުންތުކޮޅެއް ފަހުން ސްޓިލްމަން އޭނާގެ އަތުގައި އޮތް ބަޑިން އެޑަމްއަށް ހަމަލާދިނުމުން އޭނާ ބިންމައްޗަށް ވެއްޓޭ މަންޒަރު ވީޑިއޯއިން ސާފުކޮށް ފެނެއެވެ.

ސްޓިލްމަން ބުނެފައިވާ ގޮތުން އޭނާ އެޑަމްގެ ގަޔަށް ބަޑިޖެހީ އެޑަމްގެ އަތުގައި ބަޑިއެއް އޮތުމުން ކަމަށެވެ.

މި މައްސަލަ ހޫނުވުމާއި ގުޅިގެން ވީޑިއޯ ޢާންމުކޮށް ޗިކާގޯ ފުލުހުންގެ އިދާރާއިންވެސް ބުނެފައިވަނީ އެޑަމްއަށް ސްޓިލްމަން ހަމަލާދޭން ޖެހުނީ އޭނާގެ އަތުގައި ހަތިޔާރެއް އޮތުމުން ކަމަށެވެ. އަދި ސްޓިލްމަން ކަންތައް ކުރީ އެފަދަ ދަނޑިވަޅެއްގައި ފުލުހުން އަމަލުކުރަންޖެހޭ ގޮތަށް ކަމަށްވެސް ޗިކާގޯ ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި މަރުވި އެޑަމްއަށް ސްޓިލްމަން ހަމަލާ ދިނުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. އޭނާ މަރުވީ މެޔަށް ވަޒަން އަރައިގެން ލިބުނު އަނިޔާގައެވެ.

މި ހާދިސާއާއި ގުޅިގެން ޗިކާގޯ ފުލުހުންނާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ މަގުތަކަށް ނިކުމެ މުޒާހަރާވެސް ކުރަމުންނެވެ. އަދި ބައެއް މީހުން ތުހުމަތުކުރާގޮތުން ސްޓިލްމަން އެޑަމްއަށް ބަޑިން ހަމަލާދިނީ އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއް އޮވެގެން ނޫނެވެ. ނަމަވެސް ފުލުހުން ވަނީ އެޑަމްގެ އަތުގައި އޮތްކަމަށް ބުނާ ފިސްތޯލައެއްގެ ފޮޓޯވެސް ޢާންމުކޮށްފައެވެ.

މި މައްސަލަ ހޫނުވެ ހަމަނުޖެހުން ބޮޑުވެފައި މިވަނީ ފަހަކަށް އައިސް އެމެރިކާގައި ކަޅުނަސްލުގެ މީހުންނާމެދު ފުލުހުން އަނިޔާވެރިވާ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ދަނޑިވަޅެއްގައެވެ. ޗިކާގޯގައި މަރާލި އެޑަމް އަކީވެސް ކަޅުނަސްލުގެ ކުއްޖެކެވެ.