ބްރެޒިލްގެ އަންހެނުން ކުދިން ހޯދުމުގައި ދޭތެރެ ދުރުކުރަން އެގައުމުން އެދިއްޖެއެވެ. ސަރުކާރުން ރައްޔިތުންގެ ކިބައިން މިފަދަ އެދުމެއް އެދުނީ އެގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވަމުން ދާތީ މިހާރު ސިއްހީ ނިޒާމްގެ ކޮންޓްރޯލް ނެއްޓި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެފައި ވާތީއެވެ. އޭގެ އިތުރުން ދެކުނު އެމެރިކާއިން ފެނިފައިވާ މާބަނޑު އަންހެނުންނަށް ބޮޑަށް އަސަރު ކުރާ ވޭދަނައެއްގެ ބިރު ބޮޑުވެފައި ވާތީއެވެ.

ބްރެޒިލްގައި ހޮސްޕިޓަލްތައް ފުރި، ފަރުވާ ދިނުމަށް ބޭނުންވާ ބޭސް ސްޓޮކްތައް ވަނީ ހުސްވެފައެވެ. ބޭހުގެ ކަންކަމާއި ފަރުވާ ދިނުމަށް ބޭނުންޖެހޭ މުހިންމު އާލާތްތަށް ހޯދުމަށް އެގައުމުން ދަނީ އިމަޖެންސީ ސަޕްލައިގެ އެހީ އެކި ގައުމުތަކުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"ވެގެން ވާނަމަ، މާބަނޑު ވުމުގައި ދޭތެރެ ދުރުކުރަންވީ މިއަށް ވުރެ ހާލަތު ރަނގަޅު ދުވަސްތަކެއް މެދުވެރިވަންދެން" ހުކުރު ދުވަހު ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލް ވުމެއްގައި ވާހަކަ ދައްކަމުން އެގައުމުގެ ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ބުންޏެވެ. އޭނާ ބުނެފައިވަނީ ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ބްރެޒިލް ވޭދަނައެއް ކަމަށްވާ ޕީ.1 ގެ ބިރުވެސް އޮތުމާއި އެކު ދޭތެރެ ދުރުކުރުމަށް ހިޔާލް ދިނީ ކަމަށެވެ.

ސިއްހީ ދާއިރާގެ ސެކްރެޓަރީ ބުނެފައިވަނީ ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަގު ހަނިވެފައި ވާކަމަށާއި، ޑިމާންޑާއި އެއްވަރަށް ބޭސް ނުލިބުމުގެ އިތުރުން 85 އިންސައްތަ ހޮސްޕިޓަލުގެ އެނދުތައް ފުރިފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ޗައިނާއިން އެގައުމަށް އިމަޖެންސީ ބޭސް ޝިޕްމެންޓެއް ލިބިފައިވާާއިރު، ސްޕެއިންގެ ފަރާތުން ފޮނުވާފައިވާ އިމަޖެންސީ ޝިޕްމެންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ހަފްތާގައެވެ.