ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާއިން އުފައްދާފައިވާ ޖޯންސަން އެންޑް ޖޯންސަން ވެކްސިނުން ލޭގަނޑުވާ ކަމުގެ ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިން އަށް ޖަންސެން ފާމަސޫޓިކަލް ކުންފުނީގެ ސައިންސްވެރިން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެ ކުންފުނިން އުފައްދާފައިވާ "ޖޯންސަން އެންޑް ޖޯންސަން" ވެކްސިނުން ލޭގަނޑުވާ ކަމަށް ބުނާ މައްސަލައަށް އެދެވޭ ހެއްކެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެފަދަ ވާހަކަތަކެއް ދެކެވެމުން އަންނާތީ ކަމުގެ މާހިރުންނާއި ރެގިއުލޭޓަރުންނާއި ގުޅިގެން ތަހުލީލުތަކެއް ކުރަމުން އަންނަ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

"މިހާރު ލިބިފައިވާ ހިސާބުތަކަށް ބަލާއިރު، އެފަދަ މައްސަލައަކާއި މި ވެކްސިނާއި ގުޅުމެއް ހުރި ކަމެއް އެނގިފައެއް ނުވޭ" އެ ސިޓީގައި ބުނެފައިވެއެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިނުން ލޭގަނޑުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ އެމެރިކާގެ ސެންޓަރަސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ ވެކްސިން ދިނުން މެދުކަނޑާލުމަށް އެދިފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިން ތަކުގެ ތެރެއިން ލޭގަނޑުވާ މައްސަލަ ދިމާވެފައިވަނީ ހަމަ އެކަނި ޖޯންސަން އެންޑް ޖޯންސަން ވެކްސިނުން ނޫނެވެ. އެސްޓްރަޒެނެކާ އާއި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނުން ވެސް އެފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.