ކޮވިޑް-19 ދެނެގަތުމަށް މިހާރު ހަދަމުން އަންނަ ޕީސީއާރް ޓެސްޓަށް ކޮވިޑް-19 ނުދައްކާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަލީގެ އަލާމަތްތައް ހުރެގެން ކޮވިޑަށް ޓެސްޓް ކުރާ ބައެއް މީހުން ކޮވިޑް ޓެސްޓުން ނައްސި ކަމަށް ދެއްކިނަމަވެސް ބަލީގެ އަލާމާތްތައް އެމީހުންގެ ގައިގަ ހުންނަ ކަމަށެވެ. އަދި ތިން ހަތަރު ފަހަރު ތަކުރާރުކޮށް ޓެސްޓް ހެދުމުން އެމީހުން ފައްސިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިކަން އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ އިނގިރޭސިވިލާތާއި، ދެކުނު އެފްރިކާ އާއި އަދި ޔޫރަޕްގެ ބައެއް އެހެން ގައުމުތަކާއި ބްރެޒިލްގައެވެ. އަދި އެމެރިކާ އިން ވެސް މިކަން ވަނީ ފާހަގަ ކުރެވިފައެވެ.

ޔުނިވަސިޓީ އޮފް އިލިނޮއިސް އިން ކުރި ދިރާސާއެއްގައި ބުނެފައި ވަނީ ކޮވިޑް-19 ޓެސްޓްތައް ހަދާ މީހުން ފައްސިވެފައި ވީނަމަވެސް އެމީހުން ނައްސި ކަމަށް ދައްކާ ނިސްބަތް އިތުރުވަމުން އަންނަނީ ކޮވިޑް-19 ވައިރަހަށް ބަދަލުތަކެއް އައިސްފައި ވުމުން ކަމަށެވެ.

ކޮވިޑް-19 ދެނެގަތުމަށް ޓެސްޓް ކިޓްތައް ތައްޔާރު ކުރެވިފައި ވަނީ 2019 ވަނަ އަހަރު ވޫހާން އިން ފުރަތަމަ ކޮވިޑް ފެނުނު އިރު ވައިރަހުގައި ހުރި ސިފަތަކަށް ބަލައިގެން ކަމަށާއި ނަމަވެސް މިހާރު އޭރާއި އަޅައި ބަލާއިރު ވައިރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވުމުން ޓެސްޓްތަކުން ކޮވިޑް ފައްސިކަމަށް ދެއްކުމުގައި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް އިލޮނިއިސް ޔުނިވަސިޓީން ކުރި ދިރާސާގައި ބުނެފައި ވެއެވެ.

"މިއީ ކޮވިޑްގެ އާވޭރިއަންޓްތަކަށް ޓެސްޓް ކިޓްތައް އަޕްޑޭޓް ނުވެ ހުރުމުން ދިމާވާ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ." ދިރާސާ ކުރި ސައިންސްވެރިން ބުނެފައިވެއެވެ.

ކޮވިޑް ޖެހިފައި ހުއްޓާ ކޮވިޑް ނުޖެހޭ ކަމަށް ޓެސްޓްތަކުން ދައްކާނަމަ އެއީ ބަލި އިތުރަށް ފެތުރިގެން ދިއުމަށް މެދުވެރިވާނެ ސަބަބެއް ކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންވެ ސައިންސްވެރިން ލަފާ ދީފައި ވަނީ ޓެސްޓް ކިޓްތަކަށް ބަދަލުތައް ގެނެސް މިހާރު ފެތުރެމުންދާ ވޭރިއަންޓްތައް ވެސް ދެނެގަނެވޭ ގޮތައް ހެދުމަށެވެ.

އެމެރިކާގެ އެފްޑީއޭ އިން ވަނީ ސައްހަ ނޫން ނައްސި ނަތީޖާތައް ކޮވިޑް ޓެސްޓްތަކުން ދައްކާކަން ފާހަގަ ކުރެވިގެން އެކަމަށް ސަމާލުވުމަށް މިދިޔަ ޖަނަވަރީ މަހު އެލާޓެއް ނެރެފައެވެ. އެފްޑީއޭ އިން ވެސް ބުނެފައި ވަނީ މިގޮތައް ޓެސްޓްތަކުން ދައްކަނީ ކޮވިޑްގެ ވައިރަހަށް ބަދަލުތަކެއް އައިސްފައި ވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަލާމިހ

    ކޮން ނޫހެއްގަ އޮތީ ޖަހާފަ؟ ކަންތައް ގޯސް ކޮށް ދާއިރު މީހުން އިތުރަށް ހާސް ވާ ކަހަލަ ޔަގީން ނުވާ ވާހަކަ ނުދައްކާ!

    8
    2
  2. ީިިިިިުުުގގވވ

    ދެން ހުރިހާ މީހުން އަހަރަކު އެއްފަހަރު ވެކްސިން ޖަހަންޖެހޭ ފަދައިން ތި ޓެސްޓް ކިޓުތަކަށް ވެސް އަހަރެއް ހަމަވީމަ ގެރެންޓީ ހަމަވަނީ ކަމަށް ވެސް ވެދާނެ

    7
    3
  3. ސަރުދާރު

    ކަލޭމެން ސައިންސްވެރިންގެ ކަންކަން މިހާރު އުނދަގުލަކަށްވެއްޖެ! ކަލޭމެން އަށް ފަންޑުކޮށްދޭ ބިލްގޭޓްސް ފަދަ ގާރޫނުންގެ ހިތް އަދިވެސް ނުފުރެނީތޯ؟ ކޮން ކަމެއް ހާސިލު ކުރަންތޯ ތިއުޅެނީ؟ ދުނިޔެ މުށުތެރެއަށް ލައިގެން! ޓެސްޓުން ނުފެނުނިއްޔާ ނުފެނުނި! ކޮންމެހެން ފެންނަން ޖެހޭތަ؟ ކަލޭމެންގެ ބަލާވެރިކަން މިހާރު ބޮޑުވެގެން ގޮސް ގައުމުތަކުގެ ރައްޔިތުން އެތިބެނީ ނަފްސާނީ ވެފައި!

    9
    3
  4. އަޔާޓާ

    ރާއްޖޭގައި ޓެސްޓްކިޓްތައް ރަގަޅު ކަމުން ފައްސި މާ ގިނައިން ދައްކަނީ.