ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން އިއްޔެ ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އިންޑިއާއިން އިތުރު 260,778 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

އިންޑިއާއިން ފައްސި ވޭދަނަ ރެކޯޑް މިންވަރަކަށް އިތުރު ވަމުން އަންނަތާ މިހާރު ދެވަރަކަށް ހަފްތާވެއްޖެ އެވެ. މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ހާލަތު ކުރިޔާއި އަޅާބަލާއިރު ރަނގަޅުކަމަށް ދައްކައި ބަލި ފެތުރޭ މިންވަރު ނިސްބަތުން ދަށްވެގެން ދިޔަނަމަވެސް ނުރައްކާ އިންތިހާއަށް ބޮޑުވާން ފެށީ މާރިޗު ފަހުކޮޅުން ފެށިގެންނެވެ. އޭގެފަހުން މި ހިނގާ އޭޕްރިލް މަސް ތެރޭގައި ޖެހިޖެހިގެން އެތައް ދުވަހެއްގައި އެޤައުމުން ފެންމަތިވާ ފައްސިވޭދަނަތައް އަންނަނީ ރެކޯޑް މިންވަރަށް އުފުލެމުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭ އިންޑިއާއިން އިތުރު އެތައް ހާސް ބަޔަކަށް ކޮވިޑް-19 ޖެހުމާއި ގުޅިގެން އެޤައުމުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14.7 މިލިއަނަށް އަރާފައެވެ.

އިންޑިއާއިން އިއްޔެ އިތުރު ދެލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި ބަލީގައި 1,495 މީހަކު މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ ޖޫން 16 ވަނަ ދުވަހުގެ ފަހުން އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ. މިއާއެކު އިންޑިއާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 177,168 ގައެވެ.

އިންޑިއާއަކީ މިހާރު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެވެ. އަދި މި ބަލީގައި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތީވެސް އިންޑިއާއެވެ. މިވަގުތު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީވެސް އިންޑިއާއެވެ. އެޤައުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން މި އަންނަނީ، ނުރައްކާ ބޮޑުވެ ބަލިމަޑުކަމުގެ ކޮންޓްރޯލް ގެއްލިދާނެކަމުގެ އިންޒާރު އެޤައުމުގެ އިދާރާތަކުން މީގެ ކުރިން ދީފައި ވަނިކޮށެވެ.

މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 12.8 މިލިއަން މީހުންނެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދެމުން އަންނަ 1.8 މިލިއަން މީހުންގެ ތެރެއިން 8900 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

އިންޑިއާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ހާލަތު ގޯހީ މަހާރާޝްތުރައިގައެވެ. މަހާރާޝްތުރަ އިން އިއްޔެ ވެސް އެތައް ހާސް ބަޔަކު އަލަށް ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން އެ ސްޓޭޓް މިހާރު އޮތީ ފުރަބަންދުވެސް ކޮށްފައެވެ. އަދި ކޮންމެ ރެއެއްގެ 19:00 އިން ފެށިގެން ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑެތި އެހެން ބައެއް ސްޓޭޓްތަކަށްވެސް ނުރައްކާ ދެގުނަވެ، މިހާރު ވަނީ ކާފިއު އިއުލާނުކޮށްފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާއިރު މިހާތަނަށް ދުނިޔެއިން ޖުމްލަ 141 މިލިއަން މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 3 މިލިއަން މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެކް

    އެހެންވެ ދޯ އިންޑިއާމީނުންގެ ކަރަންޓީންވާންދާރަށަކީ މާފުށީ ކަމުގައި އެވަނީ މިކަމާ ވީސްނަނީ ކާކޫ؟

  2. ނަން

    އިންޑިއާ އަކީ ދިވެހިން ވަަރަށްގިނައިން ދަތުރުކުރާ ތަނެއް. ޚަބަރު ލިޔާއިރު ދިވެހިން އާއްމުކޮށް ދަތުރުކުރާ ތަންތަނުގެ ހާލަތުވެސް ލިޔެލާނަަމަ އަބަދު އެއް ސްޓޭޓްގެ ވާހަަކަ ނުހިމަނާ. އޭރުން މީހުންނަށް އިތުރު މުހިއްމު މައުލޫމާތަކަށް ވެދާނެ.