ޖަލު ޙުކުމެއް ތަންފީޒުކުރަމުން އަންނަ ރަޝިޔާގެ އިދިކޮޅު ލީޑަރު، އެލެކްސޭ ނަވަލްނީގެ ސިއްޙީ ހާލުކޮޅު ދެރަވެ މިހާރު ހުންނެވީ ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތެއްގައި ކަމަށް އޭނާގެ ޑޮކްޓަރުން ބުނެފިއެވެ.

އުމުރުން 44 އަހަރުގެ ނަވަލްނީ ހައްޔަރުކޮށްފައި ވަނިކޮށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެއްޓެވީ ޖަލުން ލިބިދޭންޖެހޭ ޒަރޫރަތްތައް ފުރިހަމަކޮށް ނުދޭކަމުގެ ޝަކުވާތަކާއެކު މީގެ ތިންވަރަކަށް ހަފްތާ ކުރިންނެވެ.

މިކަމާއި ގުޅޭގޮތުން ނަވަލްނީގެ ޑޮކްޓަރުން މިދިޔަ ހޮނިހިރު ދުވަހު މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނެފައިވަނީ، ނަވަލްނީގެ ޢާއިލާގެ ފަރާތުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އޭނާ ހުންނެވީ ވަރަށް ނާޒުކު ޙާލަތެއްގައި ކަމަށެވެ. އަދި އޭނާ ކޮންމެ ވަގުތެއްގައިވެސް ކުއްލި ގޮތަކަށް މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ޖަލުގައި ނަގާފައިވާ ނަވަލްނީގެ ޓެސްޓުތަކެއްގެ ނަތީޖާއަށް ރިޢާޔަތްކޮށް ޑޮކްޓަރުން ބުނެފައި ވަނީ، ނަވަލްނީގެ ހަށިގަނޑުގައި ޕޮޓޭސިއަމް ލެވެލް އިންތިހާއަށް މަތިވެފައިވާ ކަމަށެވެ. މިއީ ކުއްލިގޮތަކަށް ހާޓްއެޓޭކެއް ޖެހުންފަދަ ޙާލަތެއް މެދުވެރިވެދާނެ ކަމެއް ބުނެ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ނަވަލްނީގެ ކިޑްނީގެ ބާރުވެސް ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ކަން މިހެން އޮތުމުން ނަވަލްނީގެ ހާލު އިތުރަށް ގޯސްވެ، ފުރާނައަށް ނުރައްކާވުމުގެ ކުރީން "ވަގުތުން ވަގުތަށް މިކަމާއި މެދު ފިޔަވަޅު އަޅަން ޖެހިފައިވާ" ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ.

ނަވަލްނީއަށް ޖަލުން ސިއްޙީ ފަރުވާ ނުލިބި، އެކަށީގެންވާ ގޮތެއްގައި ޒަރޫރަތްތައް ފުރިހަމަކޮށްނުދީ ދަތިކުރުންތައް ކުރިމަތިވަމުން އަންނަކަމުގެ އަޑު ފެތުރުމާއި ގުޅިގެން ރަޝިޔާގެ އޮފިޝަލުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ނަވަލްނީއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމައަށް ދެމުން އަންނަ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ނަވަލްނީ ހައްޔަރުކޮށްފައި ވަނީ، ނުރައްކާތެރި ވިހައެއް ބޮވިގެން ޙާލުކޮޅު ސީރިއަސްވެ ޖަރުމަންވިލާތުގައި ފަސް މަސް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު އެނބުރި ރަޝިޔާއަށް ވަޑައިގެންނެވިތަނާ، މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ނަވަލްނީ ބަންދަށް ގެންދިޔައީ 2014 ވަނަ އަހަރު އޭނާގެ މައްޗަށް އިއްވާފައި އޮތް ތިންއަހަރާއި ބައިގެ ޖަލު ޙުކުމެއް ތަންފީޒު ކުރަން ކަމަށް ބުނެއެވެ. އެޙުކުމް އޮތީ ފަސް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. ޙުކުމުގެ ފަސްއަހަރުގެ މުއްދަތު 2020 ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. ނަމަވެސް ރަޝިއާގެ ފެޑްރަލް ޕެނިޝެންޓަރީ ސާވިސް އިން ޑިސެމްބަރ 28 ވަނަ ދުވަހު ބުނެފައި ވަނީ ނަވަލްނީ ވަނީ އުސޫލުތަކާއި ހިލާފުވެފައި ކަމަށާއި އެހެންވެ އޭނާގެ ޙުކުމުގެ ސަސްޕެންޝަން އުވާލަން ނިންމާފައިވާ ކަމަށެވެ.

ރަޝިއާއަށް ވަޑައިގަތުމަށް ދަތުރު ފެށުމުގެ ކުރިން ބާލިންގެ އެއާޕޯޓްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ނަވަލްނީ ވިދާޅުވީ އޭނާ ރަޝިއާ އަށް ވަޑައިގަންނަވަނީ ރަޝިއާއަށް ވަޑައިގެންފިނަމަ މައްސަލަތަކެއް އުފައްދައިގެން ވެސް އޭނާ ޖަލަށް ލާނެކަން އެނގިހުރެ ކަމަށެވެ.

ނަވަލްނީ ހައްޔަރުކޮށް އޭނާގެ ޖަލު ޙުކުމް ތަންފީޒު ކުރަން ފަށައިފިނަމަ ސެޕްޓެމްބަރ މަހު ރަޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އަންނައިރު ވެސް އޭނާ ހުންނަން ޖެހޭނީ ޖަލުގައެވެ.

ނަވަލްނީ އަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. ނަވަލްނީގެ ސިޔާސީ ޕާޓީ ވެސް ވަނީ ރަޝިއާގައި ހަރަކާތްތެރިވުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަދީފް

    ޕުޓިން އެއީ ނުލަފާ ހުދުމުޙްތާރުވެރިއެއް.އޭނައަށް ފާޑުކިޔާ އެކަކުވެސް ސަލާމަތުން ނުހުންނާނެ.މީގެ ވަރަށް ރަނގަޅު މިސާލެއްގެ ގޮތުގަ 2015 ވަނަ އަހަރު މަރާލެވުނު ރަޝިޔާގެ ކުރީގެ ޕްރައިމް މިނިސްޓަރގެ ނައިބް ބޮރިސް ނެމްސޯވްގެ މަރު ފުދޭނެ.އަދި ކުރީގެ ކޭޖީބީ ލީޑަރެއް ކަމުގައިވާ އެލެގްޒެންޑްރާ ލިޓްވިނެންކޯއަށް ރޭޑިއޯއެކްޓިވް މާއްދާއެއްކަމުގައިވާ ޕޮލޯނިއަމް ދީގެން މާރަލުން ވެސް ހިމެނޭ.އަދި ކޮބާ ރަޝިޔާގެ މަހުޖަނު އަދި އޮލިގާކް ކުރީގެ ޔޫކޯސްގެ ވެރިޔާ މިކާއިލް ހޮދޮކޯވްސްކީއަށް ހަދާލި ނިކަމެތި ގޮތް ވެސް އެއީ މުޅިދުނިޔެ އެކަންތަކާ ދެކޮޅަށް ބަސްބުނި ހާދިސާތަކެއް.މިފަދަ ހާދިސާތަކުން އިބްރަތް ލިބިގަންނަން އަހަރުމެން ޖެހޭ.ދުއާއަކީ ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސޭ ނަވަލްނީއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން.ވ.ވެދުން

    3
    2
  2. އެމަންޖެ

    މޑޕ އަކީވެސް ތިކަމުގެ ބޮޑެއް.

    4
    3
  3. ރަދީފް

    ކޮބާ މަގޭ ކޮމެންޓް؟ އެހާވަރުން ލިޔުނު އިންފޯމެޓިވް ކޮމެންޓް ރިޖެކްޓްކޮށްފަ ތި ޕަބްލިޝްކުރި ކޮމެންޓުން އެބައެނގޭ ނޫހުގެ މޮޑަރޭޓަރު އެއީ ކަނޑު ފަޅު ނުދަންނަ ބޭކަލެއްކަން.ވަރަށް ދެރަވެ ހިތާމަކުރަން ''ވަގުތު''ގެ މިއަމަލުފެނިފަ.ވ.ވެދުން

  4. ކަރާ ބަނޑޭ™

    އެލެކްސް ނަވަލްނީ އަކީ ހުޅަނގުގެ ޕަޕެޓެއް
    އަދިވެސް ރަޝިޔާގަ ތާއީދު އޮތީ ޕުޓިން އަށް

    2
    2
    • ރަދީފް

      ޕަޕެޓަކަށް ވީމަ މަރުވަން ދޫކޮށްލަން ޖެހޭތަ؟ އެވެސް ރަޝިޔާގެ ރައްޔިތެއް.ޕަޕެޓެއް ތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔަތުން ދޯ. ވ.ވެދުން

  5. ނެޝަނަލް ސެކިއުރިޓީ

    ނަވަލްނީ އަކީ ހުޅަނގުން ހިތްވަރާއި ތާއީދު ލިބިގެން އުޅޭ އެބައިމީހުންގެ ޕަޕެޓެއް.