2011 ވަނަ އަހަރު ޖަޕާނުގެ އެންމެ ބޮޑު އެއް ނިއުކްލިއާ ޕްލާންޑް ކަމަށްވާ ފުކުޝިމާ ނިއުކްލިއާ ޕަވާޕްލާންޓު ލީކުވި ގިނަ ޢަދަދެއްގެ ރޭޑިއޯއެކްޓިވް ފެން، ދުނިޔޭގެ ކަނޑަށް އަޅާލުމުގެ ކުރީން އޭގެ ރައްކާތެރިކަން ސާބިތުކޮށްދިނުމަށް ޖަޕާނުގެ ކަމާއި ބެހޭ ފަރާތްތަކަށް ޗައިނާއިން ގޮވާލައިފިއެވެ.

ޗައިނާއިން މިގޮތަށް ގޮވާލާފައި މިވަނީ، ފުކުށިމާ ރޭޑިއޯއެކްޓިވް ފެން ނައްތާލާނެ ގޮތެއް ނުނިމި އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، އެ ފެން ދުނިޔޭގެ އެންމެ ބޮޑު ކަނޑުކަމަށްވާ ޕެސިފިކް ކަނޑަށް އަޅަން ނިންމާފައިވާކަން ޖަޕާނުގެ އިދާރާތަކުން ޢިއުލާނުކުރުމާއި ގުޅިގެންނެވެ.

މި ނިންމުމާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއަން ވިދާޅުވީ، ޖަޕާނުގެ ސިޔާސީ ބޭފުޅުންގެ ނަޒަރުގައި ފުކުށިމާ ރޭޑިއޯ އެކްޓިވް ފެނަކީ ރައްކާތެރި އެއްޗެއް ކަމުގައި ވާނަމަ އެކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ. މިގޮތުން އެ ފެން އެފަރާތްތަކުން ބުއިމަށާއި، ކެއްކުމަށާއި އަންނައުނު ދޮވުމަށްވެސް ބޭނުންކުރަންވީ ނޫންތޯ ޒާއޯ ސުވާލުކުރެއްވި އެވެ.

ފުކުޝިމާ ރޭޑިއޯއެކްޓިވް ފެން ކަނޑަށް އަޅާލަން ނިންމާފައިވާކަން އިއުލާނުކުރުމާއި ގުޅިގެން ޖަޕާނުގެ ފިނޭންސް މިނިސްޓަރ، ޓާރޯ އަސޯ އާއި މީގެ ކުރިން ކުރިމަތި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ އެ ފެނަކީ ބައިނަލްއަޤުވާމީ މިންގަނޑުތައް ބަޔާންކުރާ މިންވަރަށްވުރެ ރައްކާތެރި މިންގަނޑެއްގައި ހުރި ފެނެއް ކަމަށެވެ. އެހެންކަމުން މި ފެން ކަނޑަށް އެޅިނަމަވެސް އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ޓާރޯ ވިދާޅުވިއެވެ.

ޖަޕާނުން ފުކުޝިމާ ރޭޑިއޯއެކްޓިވް ފެން ކަނޑަށް އަޅަން ނިންމި ނިންމުމާއި ގުޅިގެން ޗައިނާގެ އިތުރުން ޓައިވާނާއި ދެކުނު ކޮރެއާ އަދި އުތުރު ކޮރެއާއިންވެސް ދެކޮޅު ހަދާފައި ވެއެވެ.

ފުކުޝިމާ ރޭޑިއޯއެކްޓވް ފެން މިހާރު ރައްކާތެރި ކަމަށް ޖަޕާނުގެ އޮފިޝަލުން ވިދާޅުވާއިރު، 2011 ވަނަ އަހަރުގެ ހާދިސާއަށްފަހު މިއަދާއި ހަމައަށްވެސް، އެ ސަރަޙައްދުގައި ދަނޑުގޮވާންކޮށްގެން އުފައްދާފައިވާ ތަކެތި އެމެރިކާއަށް އެތެރެކުރުން އެޤައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އޮތީ ހިފަހައްޓާފައެވެ. އެހެންކަމުން އެކަމުން ދޭހަވަނީ ފުކިށިމާ ނިއުކްލިއާ ހާދިސާގެ އަސަރު އަދިވެސް އެކީ ކެނޑިގެން ނުދާކަން އެމެރިކާއިން ޤަބޫލުކުރާކަމެވެ.

ފުކުޝިމާ ނިއުކްލިއާ ހާދިސާގައި ލީކުވެފައިވާ އެއް މިލިއަން މެޓްރިކް ޓަނުގެ ރޭޑިއޯ އެކްޓިވް ފެން އެ ޕްލާންޓުގައިވާކަމަށް ވެއެވެ. ޖަޕާނުގައި މިހާރު ނިއުކްލިއާ ބާރު ދަށް ކޮށްފައި ފެން ހުރި އަދަދަށް ބަލާއިރު ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅަކާއި އެކު ފެން ނައްތާލުމަށް 30 އަހަރު ހޭދަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުކުޝިމާގެ ނިއުކްލިއާ ހާދިސާ ހިނގާފައިވަނީ 2011 ވަނަ އަހަރު ރެކްޓާ މިންގަނޑުން 9.0 ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން ލިބުނު ގެއްލުންތަކުގައެވެ. އެ ހާދިސާގައި ރޭޑިއޯ އެކްޓިވް ފެން ބޭރުވީ، އެ ޕްލާންޓުގެ ފިނިކުރާ ނިޒާމު ހަލާކުވުމާއި ގުޅިގެންނެވެ.