ޗައިނާ އިން ގެންގުޅޭ ހަތިޔާރުތައް ވަރުގަދަ ކުރުމަށް އެ ގައުމުން އެމެރިކާގެ ސޮފްޓްވެއާ ބޭނުން ކުރާ ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވައިފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ދެ މެމްބަރުން އެމެރިކާގެ ކޮމާސް ސެކްރެޓަރީ ގީނާ ރައިމަންޑޯއަށް ފޮނުވި ސިޓީ އެއްގައި ވަނީ ބެއިޖިންގްގައި ޗިޕް އުފައްދާ އާލާތްތަށް ވިއްކުމުގައި މިހާރަށް ވުރެ ހަރުކަށި އުސޫލެއް ގެންގުޅެން ގޮވާލައްވައިފައެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ މިލިޓަރީން ހަތިޔާރުތައް ވަރުގަދަ ކުރުމަށް އެމެރިކާގެ ސޮފްޓްވެއާ ބޭނުން ކުރާ ކަމުގެ ހެކި އެބަހުރި ކަމަށް ސިޓީގައި ބުނެފައިވެެއެވެ. ކޮމާސް ސެކްރެޓަރީއަށް ފޮނުވި ސިޓީގައި ހިމަނާފައިވަނީ ވޮޝިންގްޓަން ޕޯސްޓެއްގައި އެތަނުގެ ކުންފުނި ތަކަކަށް އީޑީއޭ ސޮފްޓްވެއާ ވިއްކި ކަމަށް ބުނެފައިވާ ލިޔުމެކެވެ.

"ޑިޕާޓްމެންޓް އޮފް ކޮމާސްއިން އެމެރިކާގެ ޓެކްނޮލޮޖީ ޑިޒައިނެއް ހަތިޔާރުތައް ވަރުގަދަ ކުރުމަށް ބޭނުން ކުރެވޭނެ ގޮތަކަށް ވިއްކުމަކީ ވަރަށް ކަންބޮޑުވާ ކަމެއް" ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވިއެވެ.

ކޮމާސް ޑިޕާޓުމެންޓުން އީޑީއޭ ސޮފްޓްވެއާ އަކީ ފައުންޑޭޝަނަލް ޓެކްނޮލޮޖީ އަކަށް ހަދަން ގޮވާލައިފައެވެ. ފައުންޑޭޝަނަލް ޓެކްނޮލޮޖީ އަކަށް ހަދައިފިނަމަ، އެމެރިކާގެ އީޑީއޭ ކުންފުނި ތަކުން ޗައިނާއަށް އުފެއްދުންތައް އެކްސްޕޯޓު ކުރުމުގެ ކުރިން އެކަމަށް ވަކި ހާއްސަ ލައިސަންސެއް ނަގަން ޖެހޭނެއެެވެ.

މި ސޮފްޓްވެއާ ބޭނުން ކޮށްގެން ޗައިނާގެ އަސްކަރީ މީހުންނަށް އުފެއްދިދާނެ ހަތިޔާރު ތަކުގެ ތެރޭގައި ވަރުގަދަ މިސައިލްތައް ހިމެނެއެވެ.