ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ޖެހި ތިން ވަނަ މީހަކު އޮސްޓްރޭލިއާގައި މަރުވެއްޖެއެވެ.

އެގައުމުގެ ސިއްހީ މާހިރުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ވެކްސިން ޖެހިފަހުން މަރުވެފައިވާ 48 އަހަރުގެ އަންހެން މީހާގެ މަރަކީ ވެކްސިނާއި ގުޅުން ހުރި މަރެކެވެ.

އޭނާގެ ގަޔަށް ކޮވިޝީލްޑް ވެކްސިން ދީފައިވަނީ އެގައުމުގެ 50 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދޭން އިއުލާން ކުރުމުގެ ކުރިން ކަމަށް ވެސް ސިއްހީ މާހިރުން ވަނީ ބުނެފައެވެ. އެގައުމުގައި ފާއިޒާ ވެކްސިން ދޭން ނިންމާފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ސަބަބުން ލޭގަނޑުވާ ކަމުގެ މައްސަލަތަކާއި ގުޅިގެން ވެކްސިން އެގައުމުގައި ދިނުން ހުއްޓާލާތީއެވެ.

އެގޮތުން އެގައުމުގެ ޑޮކްޓަރުން ބުނެފައިވަނީ ހަމަ އެކަނި އެގައުމުން 50 އަށްވުރެ ގިނަ މީހުންނަށް ލޭގަނޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ.

އެހެން ކަމުން އޮސްޓްރޭލިއާ އިން މިހާރު ވަނީ ފައިޒާ ވެކްސިންގެ 20 މިލިއަން ޑޯޒަށް ވެސް އޯޑަރު ކޮށްފައެވެ. މިއަހަރު ނިމުމުގެ ކުރިން ފައިޒާ އިން އޯޑަރު ކުރި ހުރިހާ ވެކްސިނެއް އޮސްޓްރޭލިއާ އަށް ލިބޭނެ ކަމަށް ފައިޒާ އިން ވަނީ ބުނެފައެވެ.

އޮކްސްފޯޑް އާއި އެސްޓްރާޒެނެކާގެ ވެކްސިން ބޭނުން ކުރުމުން ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވާ ކަމަށް އީޔޫގެ ސިއްހަތާއި ބެހޭ އިދާރާ އިން ވެސް ވަނީ ބުނެފައެވެ. އިނގިރޭސިވިލާތުގެ ތަޖުރިބާކާރުން ވެސް މިހާރު ލަފާދީފައި ވަނީ އުމުރުން 30 އަހަރުން ދަށުގެ މީހުންނަށް މިވެކްސިން ނުޖެހުމަށެވެ.