މިސްރުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި އަށް މީހަކު މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަހަމް ވެއްޖެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ މިސްރުގެ ވެރިރަށް ކައިރޯއިން އެގައުމުގެ ސިޓީއެއް ކަމަށްވާ މަންސޫރާއަށް ދަތުރު ކުރި ރޭލެއް ކަހާލައިގެންނެވެ. ރޭލު ކަހާލާފައިވަނީ ބެންހާގެ ސަރަހައްދުން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

ހާދިސާ ހިނގިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ ސަރަހައްދަށް ގިނަ އަދަދެއްގެ އެމްބިއުލާންސްތައް ދިޔަ ކަމަށާއި އެހެން ނަމަވެސް އެ ހާދިސާގައި 8 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މީގެ އިތުރުން މިހާދިސާގައި 100 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

މިސްރުގައި ރޭލު އެކްސިޑެންޓެއް މިއަދު ހިނގާފައިވާއިރު، މިމަހުގެ ތެރޭގައި ވެސް އެގައުމުގައި ދެ ރޭލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 32 މީހަކު ވަނީ މަރުވެފައެވެ.