"އަޅުގަނޑުގެ ނަމަކީ އައިޝަތު ނޫރާ އާދަމް.. އަޅުގަނޑަކީ މާލެއަށް އުފަން ކުއްޖެއް.. އޯ ލެވެލް ކިޔެވީ އަމީނިއްޔާއިން.. މިހާރު އޭ ލެވެލް ވެސް ކިޔަވަމުން މި ދަނީ.. ސީއެޗްއެސްސީއީ އިން.. ދެން އެލެކްޓްރޯނިކްސްއާއި ވިޝުއަލް އާޓްސް ފަދަ ކަންކަން.. އަބަދުވެސް ކުރާ ހިތްވާ މަސައްކަތްތަކެއް އެއީ.. އެހެންވެ އިތުރަށް ދަސްކުރަން ކޯހުގައި ބައިވެރިވީ.." ނޫރާގެ ތައާރަފެއް އޭނާ ދީފިއެވެ.

ނޫރާ ވާހަކަ ދެއްކިއިރު މިމްރާހަށް ހުރެވުނީ އޭނާގެ ކޮންމެ ހަރަކާތަކަށް ވެސް ބަލަހައްޓައިގެންނެވެ. އެއިން ކޮންމެ ހަރަކާތެއް މިމްރާހަށް ކަމުދެއެވެ. ނޫރާ ވާހަކަ ދައްކާ ގޮތާއި، ބަސްމޮށުންތެރިކަމާއި، ވާހަކަ ދައްކާއިރު ކުރާ އިޝާރާތްތަކަށް ވަރަށް ފަރުވާތެރިކަމާ އެކު މިމްރާޙް އިނީ ބަލާށެވެ.

"ވައި އައި އޭމް ސޯ މަޗް އިންޓު ދިސް ގާލް.. އެހެންޏާ ވެސް ރީތި ކުދިން ފެނޭ ވިއްޔާ.." މިމްރާޙް ހިތާ ހިތުން ބުންޏެވެ.

ނޫރާއަށް ފަހުގައި އޭނައާ އެއް ކޯށް އައި ފިރިހެން ކުއްޖާ ވެސް އޭނާގެ ތައާރަފެއް ދިނެވެ. އެ ކުއްޖާގެ ނަަމަކީ އައުޒަމެވެ. ހަމަ ނޫރާއާ އެކުގައި އޯ ލެވެލްގައި އެއް ކްލާހެއްގައި އުޅުނު ކުއްޖެކެވެ. ހީވަނީ ދެ ކުދިންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރީން ހެންޏެވެ. ރައްޓެހިވެގެން އުޅޭ ދެ ލޯބިވެރިން ހެން ވެސް ހީވެއެވެ. އެހެން ކުދިން ވެސް ކްލާހަށް ތައާރަފް ވެލިއެވެ. އެންމެ ފަހުން ތައާރަފް ދޭން ޖެހުނީ މިމްރާޙަށެވެ.

"އަޅުގަނޑުގެ ނަމަކީ މިމްރާޙް ޢަބްދުﷲ މުޙައްމަދު.. އަޅުގަނޑުގެ ރަށަކީ ތުލުސްދޫ.. މާލެ އައީ ކިޔަވަން ވެގެން.. އޯ ލެވެލް ކިޔެވީ އިސްކަންދަރު ސްކޫލުން.. މިހާރު މި އުޅެނީ ބޭބެއަކާ އެއްކޮށް ވަޑާން ކުރުމުގެ ވިޔަފާރީގައި.. ދެން އިތުރަށް އިލެކްޓްރޯނިކްސް އެންޑް ކާޕެންޓްރީގެ މަސައްކަތް ދަސްކުރަން ބޭނުންވާތީ ކޯހުގައި ބައިވެރިވީ.." މިމްރާހްގެ ތައުރީފް ދެމުން އޭނާ ބުންޏެވެ.

އެ ދުވަހު ކްލާހުގައި މިމްރާހް ގާތުގައި އިނީ ވިއާމު ކިޔާ ކުއްޖެކެވެ. އޭނާއަކީ ވެސް މާލެ ކުއްޖެކެވެ. އިސްކޮޅުން ދިގު ކަޅު ކުލައިގެ ބުޅި އިސްތަށިގަނޑެއް ހުންނައިރު ދޮން ހަމެކެވެ. އެ ދުވަހަށް ފަހުގައި މިމްރާޙާއި ވިއާމު ގާތް ރަހްމަތްތެރީންނަށް ވެއްޖެއެވެ. ކޯސް ފެށުނުތާ ހަފްތާއެއް ވެގެން ދިޔައިރު މިމްރާޙަށް ނޫރާ އަބަދުވެސް ފެންނަނީ އައުޒަމާ އެކުގައެވެ. އައުޒަމަކީ ގިނަ އަންހެން ކުދިން ހިތް ކިޔާނެ އެތްލީޓް ކުއްޖެކެވެ. އިސްކޮޅުން ދިގު ބިޔަ ކުއްޖެކެވެ. ކުޅިވަރަށް މޮޅު ކުއްޖެކެވެ. ނޫރާއާއި އައުޒަމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ވެސް ވަރަށް ގަދައެވެ.

ސެންޓަރާ ކައިރީގައި ހުންނަ ކެފޭއަަށް ސައި ބޯން މިމްރާޙާއި ވިއާމު ގޮސް ތިއްބެވެ. އެއީ އާންމު ގޮތެއްގައި ދެ ކްލާސް ދެ ދެމެދުން ލިބޭ ހުސް ވަގުތުތަކުގައާއި ކްލާސް ނިމިގެން އެ ދެ ކުދިން ސައި ބޯން ގޮސް ތިބޭ ތަނެކެވެ.

"ނޫރާއާއި އައުޒަމް ކަމެއްބާ.." ވިއާމު އެހިއެވެ.

"މި ވިއާމު ވެސް ހާދަ ވަރެއް ހުރެއޭ ނޫރާއަށް.. އެހެންނު ވާނީ އެހާ ރީތި ވިއްޔާ.. ސެންޓަރުން ފެންނަ ކޮންމެ ފިރިހެން ކުއްޖެއްހެން ނޫރާގެ ވާހަކަ އަހާނެ.. އަހަރެމެން ކްލާސް އެނގިފަ އޮންނަނީ ވެސް ނޫރާގެ ކްލާހުގެ ގޮތުގަ.. ވަރުގަދަ ނޫރާއެއްދޯ.." މިމްރާޙް ހިތަށް އެރިއެވެ.

"އޭ.. ކޮން ވިސްނުމެއްގައި.." މިމްރާހް އަނގައިން ނުބުނެ އިރުކޮޅެއް ވުމުން ވިއާމު އެހިއެވެ.

"ނޫރާގެ ވިސްނުމުގައި.." މިމްރާޙް ސަމާސާ ކޮށްލިއެވެ.

"ސާބަސް.. މިމްއަށް ވެސް.. ކަލޭ ވެސް.." ވިއާމު ވެސް މަޖާވެލިއެވެ.

"އަދި މަ ދޯ ނަން މި ވީ.. ވިއާމު ވެސް.. ދެން އުޅޭ އެހެން ފިރިހެނުން ވެސް.. ދައްކަން އޮތް ހަމައެކަނި މައުޟޫއު އެއީ.. އެހެން ވާހަކައެއް ނުދައްކާނެ.. ވަރުގަދަ ނޫރާއެއް.. ހުވާ.." ސަމާސާ ރާގެއްގައި މިމްރާޙް ބުންޏެވެ.

"އެހެންތާ ދޯ ވާނީ ވެސް.. އެ ވަރުގެ ފަރިކަމަނައެއް މަށެއް ނުދެކެން.." ވިއާމު މަޖަލަކަށް އެހެން ބުނި ނަމަވެސް އެ ދެ ކުދިން ވެސް އެ ބުނި ވާހަކައަކަށް ހިތާ ހިތުން އެއްބަހެވެ.

އައުޒަމްއާއި ނޫރާގެ އިތުރުން ކްލާހުގއި އުޅޭ އަޒުމާއާއި އާސިމާ ވެސް އައިސް މިމްރާޙާއި ވިއާމުއާ ބައިވެރިވެއްޖެއެވެ. އާސިމާއަކީ ވެސް އާންމުކޮށް ގަޔަށް ބާރުކޮށް ހެދުން ލައި އުޅޭ ކުއްޖެކެވެ. އަދި ބުރުގާއެއް ވެސް ނާޅައެވެ. އޭނާއަކީ ސެންޓަރުގެ ތެރޭގައި އެންމެ ނަގާ ކިޔާ އުޅޭ އަންހެން ކުދިންގެ ތެރެއިން ކުއްޖެކެވެ. ނޫރާއެކޭ އެއްފަދައިން މާލޭގެ އެންމެ މަތީ ފަންތީގެ އާއިލާއެއްގެ ކުއްޖެކެވެ، އަޒުމާއަކީ އާސިމާގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ނަމަވެސް އޭނާއަކީ މާލޭގައި އުޅޭ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށްވީއިރު އޭނާ ހުންނަނީ ވެސް ބުރުގާ އަޅައިގެންނެވެ.

"ކްލާސް ވެސް މި އޮންނަނީ ފެކްޝަންތަކަށް ބައިވެފަ ދޯ.. އެކުގައެއް ނޫޅޭ ވިއްޔާ.." އާސިމާ ބުންނެވެ.

"އެހެންތާ ވާނީ އާސިމާ ވެސް އަހަރެމެންނާ އަނގައިން ބުނަނީއެއް ނޫން ވިއްޔާ.." ވިއާމު ވެސް ގޮތުގައި ހިފައިލިއެވެ.

"އައިސްފަ އަނގައިން މި ބުނީ ދޯ.." އަޒިމާ ރައްދު ދިނެވެ.

އެ ގޮތަށް ވާހަކަ ދައްކަވަމުން ދަނިކޮށް އައުޒަމްއާއި ނޫރާ ވެސް އެ ތަނަށް އައިސް އެ މީހުންނާ ގުޅުނެވެ.

"އޭ.. ރަނގަޅު ވާހަކައެއްތަ މި އަޑު އިވެނީ.. ތިއީ ދެ ލޯބިވެރިންނޯ.." އަޒުމާ އެހިއެވެ.

"އާ.. ތި އިވެނީ ހަމަ ރަނގަޅަށް.. އަހަރެމެން ދެ މީހުން އޯ ލެވެލްއިން ދިމާވި ގޮތަށް ރައްޓެހިވެގެން އުޅެނީ.. މިހާރު ތިން އަހަރު ވަނީ މި.." އައުޒަމްއާއި ނޫރާގެ ގުޅުން އޭނާ ހާމަކޮށްދިނެވެ.

****

ނޫރާއާއި އައުޒަމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އައުޒަމް އެއްބަސްވި ކަމުގެ ޚަބަރުތައް މާ ގިނައިރެއް ނުވެ މުޅި ސެންޓަރުގެ ތެރޭގައި ފެތުރުނެވެ. މިހާރު އެންމެންގެ ދޫތަކުގައި ވެސް ވަނީ އެ ވާހަކައެވެ. އައުޒަމްއަކީ ހަށިގަނޑުން ބިޔަ، އިސްކޮޅުން ދިގު، ދޮން ފިރިކެނެވެ. މުށި ކުލައިގެ ފަން އިލި އިސްގަނޑެކެވެ. ސެންޓަރުގައި އުޅޭ ފިރިހެން ކުދިންގެ މެދުގައި ނޫރާ މަޤްބޫލް އިރު، އަންހެން ކުދިންގެ މެދުގައި އެންމެ މަޤްބޫލް ފިރިހެން ކުއްޖަކީ އައުޒަމެވެ.

"މިއަދު ދިމާވާ ކޮންމެ ފިރިހެން ކުއްޖަކު ދައްކާ ވާހަކައަކީ ނޫރާއާއި އައުޒަމްގެ ވާހަކަ.. ނޫރާ ބެނުންވެފަ ތިބި ހުރިހާ ފިރިހެން ކުދިން ހިތާމަގައި.." ގޮނޑީގައި އިށީންނަމުން މިމްރާޙުގެ ކަންފަތް ކައިރީގައި މަޑުމަޑުން ވިއާމު ބުންޏެވެ.

"އާނ.. ކީއްކުރާނީ.. މިސް މާލެ ހޯދުމުގެ ރޭސް ނުފެށެނީސް ރޭސް ކެންސަލް ވިއްޔާ ކޮށްލަން މި ޖެހުނީ.." މިމްރާޙްއާއި ވިއާމު ހޭން ފެށިއެވެ.

ނޫރާއަކީ މާލޭގެ އެންމެ މަތީ ފަންތީގެ އާއިލާގެ އަންހެން ކުއްޖަކަށް ވުމުން މިމްރާޙްމެން ފަދަ ކުއްޖަކަށް ނަސީބު ވުމަކީ ވެސް ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމުގައި މިމްރާޙް ޤަބޫލު ކުރެއެވެ.

*****

ކޯސް ފެށިގެން މަހެއްހާ ދުވަސް ވޭތުވެގެން ދިޔައީއެވެ. އެ ދުވަސްތަކުގައި މިމްރާޙް އުޅުނީ ވެސް ވަރަށް ބުރަކޮށެވެ. ކްލާހުގައާއި މަސައްކަތުގައި އުޅުމަށް ފަހު ލިބޭ ހުސް ވަގުތު ވަރަށް މަދެވެ. މަސައްކަތުގައި ވަރަށް ބުރަކޮޅެއް އުޅެމުން ދިޔަ ވަގުތެވެ. މިމްރާހްގެ ފޯނު ރިންގް ވާތީ ފޯނާ ދިމާއަށް ބަލާލިއެވެ. ގުޅަމުންދ ިޔައީ އޭނާ ނުދަންނަ ނަންބަރެކެވެ. ދެން ފޯނު ނެގިއެވެ.

"ހަލޯ.." އެ ކޮޅުން ވާހަކަ ދެއްކީ އަންހެން ކުއްޖެކެވެ. އެއީ މިމްރާހް ނިކަން ފަރިތަ ދަންނަ އަޑެކެވެ.

"ނޫރާ ދޯ.. ކިިހިނެއްވީ.؟ މިމްރާހް އެހިއެވެ.

"މާދަމާ އެއީ އައުޒަމްގެ އުފަން ދުވަސް.. ނޫރާ ބޭނުން އޭނާއަށް ސަޕްރައިޒެއް ދޭން.. އެހެންވެ ބޭނުން ތި ކުދިންގެ އެހީ.. އެހެންވެ މި ގުޅައިލީ.. އެހެންވެ އެންމެނަށް މިރޭ ސެންޓަރަށް އަންނަން އެދެން ވެގެން މި ގުޅަނީ.." ނޫރާ ބުންޏެވެ.

"އޯކޭ.. ކިހާ އިރަކަށް ދާންވީ.؟" މިމްރާހް އެހިއެވެ.

"މިރޭ އަށަކަށް.. ވިއާމު ކައިރީ ވެސް ބުނައްޗޭ.. އެހެން ކުދިން ކައިރީ ބުނެފިން.." އެހެން ބުނެފައި ނޫރާ ފޯނު ބޭއްވިއެވެ.

****

އެ ދުވަހުގެ ރޭ ނޫރާ އެދުނު ގޮތަށް ކްލާހުން މިމްރާހާއި ވިއާމުގެ އިތުރުން އައިސް ތިބީ އަޒުމާއާއި އާސިމާއެވެ. އަދި ނޫރާގެ އޭ ލެވެލް ކްލާހުން ވެސް ދެ ކުދިން އައިސް ތިއްބެވެ. އެއީ ފަޒީނާއާއި ނުހާއެވެ. އެންމެން ވެގެން ދެން ކަންކަން ރާވައި ނިންމިއެވެ. މިމްރާޙާއި ވިއާމު ހަވާލުވީ ކޮޓަރި ޑެކަރޭޓް ކުރުމަށެވެ. ފަޒީނާއާއި ނުހާ ހަވާލުވީ ކޭކް ތައްޔާރު ކުރާށާއި އެހެން ކެއުންތައް ތައްޔާރު ކުރާށެވެ. އާސިމާއާއި އަޒުމާ ހަވާލުވީ ގަންނަން ޖެހޭ އެއްޗެހި ގަތުމުގެ މަސައްކަތެވެ. އެ ކަން ނިމުމުން ފަޒީނާއާއި ނުހާއާ ބައިވެރިވެގެން ކެއުންތައް ނިންމުމަށެވެ.

އެހެން ހުރިހާ މަސައްކަތެއް ނޫރާމެންގެ ގޭގައި އުޅޭ ނޯކަރުން ކުރާނެ ކަމަށް ނޫރާ ބުންޏެވެ.

****

އައުޒަމަށް ދޭން އުޅޭ ސަޕްރައިޒް ޕާޓީގެ މަޝްވަރާތަކާއި އެކި މަޖާ ވާހަކަތައް ދެއްކުމަށް ފަހު، ވިއާމާއި މިމްރާޙް ދިޔައީ ސައިކަލު ދުއްވާށެވެ. ވިއާމަށް އުމުރުން 18 އަހަރު ވެފައި ހުރުމުން އޭނާގެ އަތުގައި ލައިސަންސް އޮވެއެވެ. އެހެން ދަމުން ބޮޑު ތަކުރުފާނު މަގުގައި ހުންނަ ގާޑިޔާތައް ކައިރީގައި ސައިކަލު ޕާކްކޮށްފައި ދެ ކުދިން އެ ތަނުން އެއް ގާޑިޔަލަކަށް އެރިއެވެ. މަސްކާށްޓެއް ކާލުމަށެވެ. އެ ދެ ކުދިން އެހެން އެކަނި މަސްކާށި ކާން އައިސް އުޅެއެވެ. އެހެން މީހުންނަށް އެ ދެ ކުދިން ހިއްސާ ކުރަން ބޭނުން ނުވާ ކަންކަމުގެ ވާހަކަ ދައްކާލުމަށެވެ. ކްލާހުގައި ދެން ތިބޭ އެހެން މީހުންގެ ވާހަކަ ވެސް ދައްކައެވެ. ދިރިއުޅުމުގެ އެހެނިހެން މުޙިއްމު ކަންތައްތަކުގެ ވާހަކަ ދައްކައެވެ.

"އައުޒަމް މިއީ ނަސީބު ގަދަ މީހެއް.." ވިއާމު ބުންޏެވެ.

"މި ވިއާމަށް ވެސް ނުހުރެވޭނެ މަސް ނޫރާގެ ވާހަކަ ނުދައްކާ.." މަސްކާށި ކޮޅެއް އަނގައަށް ލަމުން މިމްރާޙް ބުންޏެވެ.

"އެހެނެއް ނޫން ވަކި.. ނޫރާ އެއީ މަޝްހޫރު ވިޔަފާރިވެރިޔާ އާދަނުގެ ދަރިއެއް.. އަންނައުނާއި ކޮސްމެޓިކްސް ސާނާމު ވިއްކާ ދެ ފިހާރައަކާއި، ދެ ސޮވޭނިއާ ފިހާރަ، އަދި އައްޑުގައި ފުވައްމުލަކަށް މުދާ އުފުލާ ދެ އޮޑި އޮވޭ.. މި ވަރަކަށް ދޯ ނަސީބު ގަދަ ވާނީ.." ވިއާމު ބުންޏެވެ.

"މިހާރު މި އުޅޭ ލޯބީގެ ގުޅުންތަކަކީ ގެރެންޓީ ގުޅުންތަކެއް ނޫން.. މީ ވީ އެއް މަސް ތެރޭގައި ސެންޓަރުން ދިމާވެގެން ގުޅުނު ކިތައް ޖޯޑު ފަހުން އެ ރުޅުވީ.. މިހެން ބުންޏަސް އަހަރެން ނޭދެން އެ ދެ ކުދިން ވަކިވާކަށް ވެސް.." މިމްރާޙް ބުންޏެވެ.

"މަށެއް ވެސް.. ދެ ކުދިން ހަމަ ގުޅޭ.. ޕާފެކްޓް.." ވިއާމު ބުންޏެވެ.

"ނޫރާއާއި އައުޒަމް ނޫން ވާހަކައެއް ނެތްތަ.؟" ނޫރާގެ ވާހަކަ ދެއްކުމަކީ މިމްރާޙަށް އެހާ ވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި ވެސް އޭނާގެ ހިތުގައި ނޫރާއަށް ޚާއްސަ މަޤާމެއް ވަނީ ދެވިފައެވެ. ނަމަވެސް އެ މަޤާމަށް ދޭނެ ކަމެއް މިމްރާޙަށް ނޭނގެއެވެ.

މިމްރާޙް އޭނާގެ ގެއާ ހަމައަށް ގެންގޮސްދިނުމަށް ފަހު، ސައިކަލުގައި ވިއާމު އޭނާގެ ގެއަށް ދިޔައެވެ. އޭރު މެންދަން ވެއްޖެއެވެ. އެ ރޭ ވެސް މިމްރާޙް އޮތީ އެތައް ޚިޔާލުތަކެއްގެ ތެރޭގައެވެ. ވަކިން ޚާއްސަކޮށް ނޫރާހެ ޚިޔާލުތަކެވެ. އޭނާގެ ރަކި ހިނިތުންވުމެވެ. މައުސޫމް ބަލައިލުމެވެ. ވާހަކަ ދައްކާ ގޮތެވެ. ނޫރާގެ ކޮންމެ ހަރަކާތަކާއި މިޒާޖުގައިވާ ކޮންމެ ކަމެއް މިމްރާޙަށް ކަމުދެއެވެ. ނޫރާގެ ޚިޔާލުތަކުގައި މިމްރާޙަށް ނިދުނީ މެންދަން ދޭއް ޖަހަން އުޅެނިކޮށެވެ.

****

އަނެއް ދުވަހުގެ ހެނދުނު ހެނދުނާ މިމްރާޙާއި ވިއާމު ދިޔައީ ހުޅުމާލޭގައި ހުންނަ ނޫރާމެންގެ ފާމް ހައުސްއަކަށެވެ. މިމްރާޙާއި ވިއާމު ދިޔައިރު ވެސް އެ ތަން ޒީނަތްތެރި ކުރުމުގެ މަސައްކަތް ނޯކަރުން ދިޔައީ ކުރަމުންނެވެ. އަދި ނޫރާ ވެސް އިނީ ފާރުގައި ކުލަ ޖައްސާށެވެ. އޭނާ ކުރަހަމުން ދިޔައީ އައުޒަމްގެ މޫނެވެ. އެ މޫނު ފުރިހަމަ ކޮށްފައި ވަނީ ރަތާއި ރީނދުލާއި އޮރެންޖާއި މަޑު ފެއްސާއި ގަދަ ފެހީގެ ކުލަތަކުންނެވެ.

"ކޮން އިރަކު ތި މީހުން އައީ.. ހިނގާ ބަލަ މުޅި ރޫމް ޑެކަރޭޓް ކޮށްލަން.." ނޫރާ ބުންޏެވެ.

"ކޮބައި އައުޒަމް.؟" އެ ތަނުން ކުލަ ދަޅެއް ނަގަމުން މިމްރާޙް އެހިއެވެ.

"ހޫނ.. އައިހަމް ވީ އޭނާ ގޮވައިގެން ތަނަކަށް ގޮސް.. މިރޭ ޕާޓީއަށް ރެޑީ ވެވެންދެން އޭނަ ބަހައްޓާނެ އައުޒަމް ބިޒީ ކޮށްފަ." އައިހަމަކީ އައުޒަމްގެ ބޭބެއެވެ.

"މި އޮތީ އަހަރެމެން ނިންމި ތީމް.. އޯޓަމް.. ގިނައިން ބަހައްޓާނީ ވެސް މެރޫން، ރީނދޫ، ރަތް ފަތް.. އެއީ އައުޒަމަށް ވެސް އެންމެ ރީތި ކުލަތައް ވީމަ.." ވިއާމު ބުންޏެވެ.

ވިއާމާއި މިމްރާޙަކީ ކޮންމެ ވެސް ވަރަކަށް ކުރަހައި އިވެންޓް ޑިކަރޭޓިން މަސައްކަތްކޮށް އުޅޭ ދެ ކުދިންނެވެ. އެ ގޮތަށް ޑިކަރޭޓިން މަސައްކަތް ނަގައިގެން އާމްދަނީ ވެސް މިހާރު ކޮންމެ ވެސް ވަރަކަަށް ދެ ކުދިން ގުޅިގެން ހޯދައެވެ. އެކަން ކުރަނީ އަސްލަމްއާ ވެސް ގުޅިގެނެވެ.

ނޫރާއާއި މިމްރާހް އެކުގައި ދިޔައީ އައުޒަމްގެ މޫނުގެ ކުރެހުން އިތުރަށް ރީތި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނޫރާއަށް މިމްރާހް އެހީވަމުން ދިޔައިރު ކުރެހުން ކުރިއަށް ގެންދާނެ ގޮތުގެ ޚިޔާލުތައް ވެސް މިމްރާޙް ދިޔައީ ޚިއްސާ ކުރަމުންނެވެ.

"މަންމަ ބައްޕަމެންނަށް އެނގޭތަ އައުޒަމްއާ ރައްޓެހިވެގެން ކަން އުޅެނީ.." މިމްރާހް އެހިއެވެ.

"އެނގޭނެ.. އެކަމަކު އަދި ނުއެއް ބުނަން.. އައުޒަމް އަދި ބޭނުމެއް ނުވޭ އެ ކަން މަންމަ ބައްޕަމެންނަށް އެނގޭކަށް ވެސް އަސްލު.. ތި މީހުންގެ އިތުރަށް ކުރިން އެއްވެސް ބަޔަކަށް ނޭނގޭނެ.. ފަހުން ފަހުން އެ ވާހަކަ ގިނަ ވެގެން އެނގެން ފެށީ ވެސް.. އަހަރެމެން އުޅުނީ ވަރަށް ސިއްރުން.. މަންމަމެން ކައިރި ބުނަނީ ވެސް މިއީ ރައްޓެހިންނޭ.." ނޫރާ ބުންޏެވެ.

އެ ދުވަހުގެ ހަވީރުވިއިރު ކުރެހުން ފުރިހަމަކޮށް ނިމިއްޖެއެވެ. އަދި މުޅި ކޮޓަރި ޑެކަރޭޓްކޮށް ނިމުނެވެ. ހަވީރު ވަގުތު ނޫރާގެ މަންމަ، އައިމިނަތު، އެ ތިން ކުދންނަށް ކާއެއްޗެހި ހިފައިގެން އައެވެ. އައިމިނަތު ގެނެސްދިނީ ފްރައިޑް ނޫޑްލްސް ހަދައިގެންނެވެ. އަދި އައީ ނޫރާ ގެންގުޅޭ ބުޅާ ވެސް ގޮވައިގެންނެވެ. ކާތަކެތި ބެހެއްޓުމަށް ފަހު އައިމިނަތު އެ ތަނުން ހިނގައްޖެއެވެ.

ނޫރާ ގެންގުޅޭ ބުޅާ ފެނިފައި މިމްރާހަށް މިއޯގެ މަތިން ހަނދާންވިއެވެ. އިއްތިފާގުން ނޫރާ ގެންގުޅޭ ބުޅަކަށް ވެސް އޭނާ ކިޔަނީ މިއޯއެވެ. ނޫރާ ބުޅަޅަށް ކާން ދެމުން ދިޔައިރު މިމްރާޙް މިއޯއާއެކު ސަކަރާތް ޖަހައި އެކީ އުޅުނު ދުވަސްތައް މަތިން ހަނދާންވިއެވެ.

"މިމްރާހް ދުވަހަކު ވެސް ބުޅަލެއް ގެންގުޅުނިންތަ.؟" ނޫރާ އެހިއެވެ.

މިމްރާޙް އޭނާގެ މާޒީގެ ވާހަކަތައް ދައްކަން ބޭނުން ނުވާތީ ބުޅަލެއް ގެންގުޅުނު ކަން ސިއްރު ކުރިއެވެ. އަދި ބުޅައެއް ނުގެންގުޅޭ ކަމަށް ބުންޏެވެ.

****

ރޭގަނޑު ވުމާ އެކީގައި އައިހަމްއާ އެކީ އައުޒަމް އެ ގެއަށް އައެވެ. އޭރު އައުޒަމް ހުރީ ކޮންމެ ވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އޭނާގެ އުފަން ދުވަހުގެ މުޅި ދުވަސް ދިޔައީ އާއިލާގެ އެކަކު ވެސް އުފަން ދުވަހުގެ ތަހުނިޔާއެއް ނުކިޔައެވެ. ނޫރާ ވެސް އޭނާއަކަށް ނުގުޅައެވެ. އަދި އޭރު އެއީ ނޫރާމެންގެ އާއިލާގެ ގެއެއް ކަމެއް ވެސް އައުޒަމްއަކަށް ނޭނގެއެވެ. އައިހަމް އޭނާ އެ ގެއަށް ގެންދިޔައީ އައިހަމްގެ ރައްޓެއްސެއްގެ ގެއެއް ކަމަށް ބުނެފައެވެ.

އަދި އެ ގެއަށް އައުޒަމް ވަނުމާ އެކީގައި ފެނިގެން ދިޔައީ އޭނާގެ އާއިލާއާއި ނޫރާގެ އާއިލާގެ އިތުރުން ރަހްމަތްތެރިންނާއި ކްލާސް ކުދިންނާއި އެއިން ބައެއް ކުދިންގެ އާއިލާގެ މީހުން ތިބި ތަނެވެ. އެ އެންމެން ވެސް ތިބީ އައުޒަމަށް އެންމެ ރީތި މެރޫން ކުލައިގެ ހެދުމެއް ލައިގެންނެވެ. މުޅި އެ ތަން ޒީނަތްތެރިކޮށްފައި ވަނީ އޯޓަމް ސީޒަންގައި ގަސްގަހުން ފެންނަ ފަތްތަކަކުންނެވެ. އެ އެންމެން ކުރިމަތީގައި ބޮޑު ކޭކެއް ބަހައްޓާފައި ހުއްޓެވެ. "ހެޕި ބާތްޑޭ" އެންމެން އެކުގައި އެއް އަޑަކުން ބުންޏެވެ. ހިތްހަމަނުޖެހިފައި ހުރި އައުޒަމަށް ހިތްހަމަޖެހުމެއް ލިބުނެވެ.

ޕާޓީ ނިންމާލައިގެން އެންމެން އެ މީހެއްގެ ގެއަށް ހިނގައްޖެއެވެ. މިމްރާޙާއި ވިއާމު ވެސް އެ ދެ ކުދިންގެ ގެއަށް ދިޔައީއެވެ. އާދައިގެ މަތިން، ވިއާމު އޭނާގެ ގެއަށް ދިޔައީ ސައިކަލުގައި މިމްރާޙްގެ ގެއަށް ގެންގޮސް ދިނުމަށް ފަހުގައެވެ.

****

އައުޒަމްއާއި ނުރާ ތިބީ ފާމް ހައުސްގެ ކޮޓަރިއެއްގައެވެ. އައުޒަމް ހުރީ ނޫރާ ކުރަހާފައި ހުރި އައުޒަމްގެ މޫނުގެ ކުރެހުމަށް ބަލަހައްޓައިގެންނެވެ.

"ރީތިތަ ކުރެހުން.؟" ނޫރާގެ އެހިއެވެ.

"ވެރީ ބިއުޓިފުލް.." އައުޒަމް އެހެން ބުނީ ނޫރާއާ ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ.

ނޫރާ ލަދުން ރަކިވިއެވެ. އައުޒަމްއާއި ނޫރާގެ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"އައި ލަވް ޔޫ ނޫރާ.." އައުޒަމް ބުންޏެވެ.

"އައި ލަވް ޔޫ ޓޫ އައުޒަމް.." އައުޒަމްގެ ލޯތްބަށް ނޫރާ އާނ ބަސް ބުންޏެވެ.

(ނުނިމޭ)