ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް އިއްޔެ އިންޑިއާއިން ފައްސިވި މީހުންގެ ޢަދަދު ތިންލައްކަ އާއި ގާތްކުރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އިންޑިއާއިން އިތުރު 275,306 މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ.

އިންޑިއާއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ.

އިއްޔެވެސް އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވުމާއެކު އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޢަދަދު 15 މިލިއަނަށް އެރީއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު އެޤައުމުން މިހާތަނަށް ޖުމްލަ 15,057,767 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ކޮވިޑް-19 އަށް އިންޑިއާއިން ފައްސިވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ ޢަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެ އެކަނިވެސް އެޤައުމުން އިތުރު 1,625 މީހަކު މަރުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއީ މިހާތަނަށް މިބަލީގައި އެޤައުމުން އެއްދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވެސްވީ ފަހަރެވެ.

އިންޑިއާއިން ކޮވިޑް-19 ގައި މަރުވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިހާތަނަށް މަރުވި މީހުންގެ ޖުމްލަ ޢަދަދު އުޅެނީ 178,793 ގައެވެ.

އިންޑިއާއަކީ ދުނިޔެއިން މިވަގުތު އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ، އަދި މިބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އެޤައުމަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 12.9 މިލިއަން މީހުންނެވެ. އެހެންކަމުން އަދިވެސް އެޤައުމުން 1.9 މިލިއަން މީހަކަށް ކޮވިޑް ޖެހިގެން ފަރުވާދެމުން އެބަދެއެވެ. އޭގެތެރެއިން 8900 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު