ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އަށް މުޅި ދުނިޔެއިން މިހާތަނަށް ފައްސިވި 141 މިލިއަން މީހުންގެ ތެރެއިން 120 މިލިއަން މީހުން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް މިބަލި ފެތުރިފައިވާ 219 ޤައުމަކުން ޖުމްލަ 141,880,609 މީހަކު ފައްސިވެފައި ވެއެވެ. މީގެ ތެރޭގައި އިއްޔެ ފައްސިވި ހަތްލައްކައަށްވުރެ ގިނަ މީހުންވެސް ހިމެނެއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ މީހުންގެ ޢަދަދު މިހާރު އުޅެނީ 120,568,806 ގައެވެ. އެހެންކަމުން މިހާރު ދުނިޔޭގައި މި ބައްޔަށް ފަރުވާ ކުރަމުން އަންނަނީ 18,282,100 މީހަކަށެވެ. މީގެ ތެރެއިން 107,205 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ދުނިޔެއިން ކޮވިޑް-19 ޖެހުނު 141 މިލިއަން މީހުންގެ ތެރެއިން، އިއްޔެ އެކަނިވެސް 11500 އަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް ޖުމްލަ ތިން މިލިއަނަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އިންޑިއާގައެވެ. އެޤައުމުން ފާއިތުވެދިޔަ ދުވަސްތަކުގައި ފައްސި އާއި މަރުގެ ވޭދަނަ (ކޭސް) ތައް ހިފެހެއްޓުމެއްނެތި އިތުރުވެ ރެކޯޑް މިންވަރަކަށް އުފުލިފައި ވާއިރު، ޖުމްލަ ފައްސި ވޭދަނަ 15 މިލިއަނަށް އަރައެވެ. އެޤައުމުން މިހާތަނަށް 178,000 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ މިވަގުތު އެންމެ ބޮޑީ އިންޑިއާގައި ކަމުގައި ވީނަމަވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 32.3 މިލިއަން މީހަކު ފައްސިވެ އޭގެތެރެއިން 580,000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުންވެސް މި ބަލިމަޑުކަމަށް ހުށަހެޅޭ މީހުންގެ އަދަދުތައް ދަށްވަމުންނެއް ނުދެއެވެ. އެހެން ނަމަވެސް ތަޖުރިބާކާރުން ޤަބޫލުކުރަނީ އޭރުއްސުރެ މިއަދާއި ހަމައަށް ވެކްސިން ބޭނުން ނުކުރެވުނު ނަމަ، ބަލީގައި ދުނިޔެ މިއަދު ކުރިމަތިލާން ޖެހިފައިވާ ވަރަށްވުރެ ނުރައްކާ ދެގުނަ ވީސް ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުކަތުގައި ވެކްސިން އުފެއްދުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރެވެމުން ދެއެވެ. މީގެތެރެއިން މިހާރު ބައެއް ވެކްސިންތައް ވަނީ ބޭނުންވެސް ކުރަން ފަށާފައެވެ.