މުޅި ދުނިޔެ އަށް ދިމާވެފައިވާ ކޮވިޑް-19އިގެ ހާލަތާއި އެކު އިތުރު އެތައް މައްސަލަ އެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން އެކަށީގެންވާ އާމްދަނީ ނުލިބުމާއި އާއްމުންނަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބުން ފަދަ އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ. ބްރެޒިލް އަކީ މިފަދަ ގައުމެކެވެ. އެ ގައުމުގައި ކާބޯތަކެތި ހޯދުމަށް ކިއު ހަދާ މީހުންގެ އަދަދު ދަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުންނެވެ.

ހިލޭ ސާބަހަށް މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ ތަންތަަނަށް ވެސް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. އެގެދޮރު ނެތި މަގުމަތީގައި މިފަދަ ތަންތަން ކައިރީގައި ގިނަ އަދަދަކަށް ކިއު ހަދާފައިވާ މަންޒަރު މީޑިއާ ރިޕޯޓްތަކުން ފެނެއެވެ. ކޮވިޑްގެ ބަލި ހާލަތު މިގޮތަށް ދެމިދާނަމަ އާއްމުން ބަނޑަށް ޖެހިދާނެކަމުގެ ބިރު އެބަ އޮތް ކަަމަށް ގެދޮރު ނެތް ފަރާތްތަކަށް ކާބޯތަކެެތި ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނެއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ވަނީ އެމަޖެންސީ ރިލީފް އެއް ހުޅުވާފައެވެ. އޭގެ ދަށުން 67 މިލިއަން މީހުންނަށް އެހީ ލިބުނު ނަމަވެސް ފަހުން ސަރުކާރުން ވަނީ އެ ޕްރޮގްރާމް ހުއްޓާލާފައެވެ.

ބްރެޒިލްގެ އެތައްް ބައެއްގެ ވަޒީފާތައް ވެސް ކޮވިޑް-19 އާއި ގުޅިގެން ވަނީ ގެއްލިފައެވެ. އެއާއި އެކު ކުރިން ފުދިގެން އުޅުނު އެތައް އާއިލާ އެއް ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ މީހުންނަށް ވަޒީފާ އަނބުރާ ލިބޭނެ ދުވަހެއް ވެސް ނޭނގެއެވެ.

ކޮވިޑް އާއި ގުޅުން ހުރި ތަފާސްހިސާބުތަކަށް ބަލާ ނަމަ ފާއިތުވި 24 ގަޑިއިރުތެރޭ އެކަނިވެސް އެ ގައުމުން 1,553 މީހުން މަރުވިއެވެ. އެހެންކަމުން ފާއިތުވި މިދިޔަ 24 ގަޑިއިރަށް ބަލާ ނަމަ ދުނިޔެއިން އެންމެ ގިނަ ބަޔަކު، ކޮވިޑް-19 ގައި މަރުވި ޤައުމަކީވެސް ބްރެޒިލް އެވެ. އެގައުމުން ރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 373,442 އަށް އަރާފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ އާދަޔާއި ޚިލާފަށް އިތުރުވަމުންނެވެ.