އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު، ބޯރިސް ޖޯންސަން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވަން ނިންމި ނިންމުން ބަދަލު ކުރައްވައިފިއެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރާއި އިންޑިއާ ސަރުކާރުން މިއަދު ހާމަ ކުރައްވާފައިވަނީ އިންޑިއާގައި ކޮވިޑް ވޭދަނަތައް އިތުރުވެ، އެގައުމުން އެތައް ބަޔަކު ކޮވިޑަށް ފައްސި ވަމުން ދާތީ މިދަނޑިވަޅުގައި އެގައުމަށް ވަޑައިނުގަންނަވަން ނިންމެވި ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގައި މިވަގުތު ހާލަތު ހުރިގޮތުން އަންނަ ހަފްތާގައި އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަންއަށް އިންޑިއާއަށް ދަތުރު ކުރެވެން ނެތް ކަމަށެވެ.

'އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ޖޯންސަން މި މަހުގެ ފަހުކޮޅު ވާހަކަ ދައްކަވާނެ ކަމށާއި، ދެގައުމުގެ ދެމެދުގައި ވާ ގުޅުމުގެ ގޮތުން ކުރިޔަށް ހުރި ދުވަސްތަކަށް ރޭވިފައިވާ ކަންތައްތައް ހިއްސާ ކުރައްވާނެ. ދެގައުމުގެ ބޮޑުވަޒީރުން އެއްތަންވެ ބައްދަލް ކުރެއްވުމަށް މި އަހަރުގެ ފަހުކޮޅަށް ތާވަލް ކުރެވިގެން ދާނެ' އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

މިއީ އިނގިރޭސި ބޮޑުވަޒީރު އިންޑިއާއަށް ވަޑައިގަންނަވަން ތާވަލް ކުރެވި، އެ ނިންމުމަށް ބަދަލު ކުރެއްވި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ނިންމި ނިންމެވުން ބަދަލު ކުރެއްވީ އިނގިރޭސި ވިލާތުގައި އެދުވަސްވަރު ކޮވިޑުގައި މަރުވާ މީހުން އިތުރުވެފައި ވުމުންނެވެ.

ޖޯންސަން އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވާފައި ވަނީ އެޕްރީލް 26 ވަނަ ދުވަހެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ވާހަކަ ދައްކަން ހަމަޖެހިފައިވަނީ އިގްތިސާދު ހަރުދަނާ ކުރުމަށާއި، އަސްކަރީ އަދި ސިއްހީ ދާއިރާގެ ގުޅުން ވަރުގަދަ ކުރުމާާއި ގުޅޭ ގޮތުންނެވެ.