ކޮވިޑް-19ގެ އާ ވޭދަނަތައް ފެނި ނުރައްކާބޮޑުވެފައިވާ އިންޑިއާއަކީ ދަތުރު ކުރުން ނުރައްކާތެރި ގައުމެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެގައުމަކީ ދަތުރު ކުރުން ނުރައްކާ ގައުމެއްގެ ގޮތުގައި ނިންމާފައިވާއިރު، އިނގިރޭސިލާތުން ވެސް ވަނީ އެގައުމުގެ ރައްޔިތުން ފިޔަވައި އެހެން ބަޔަކު އެގައުމަށް އެތެރެ ނުވެވޭނެ ކަމަށް ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅޫވީ އެގޮތަށް ނިންމާފައިވަނީ އިންޑިއާއިން ކޮވިޑް-19 ގެ އާ ވައްތަރެއް ފެނިފައިވާތީ ކަމަށެވެ. އެގޮތުން އިންޑިއާއިން ފެނުން ކޮވިޑްގެ ވައްތަރަށް 103 މީހަކު އެގައުމުން ފައްސިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންޑިއާއިން އެގައުމަށް ދަތުރު ކުރާ ފަރާތްތަކުން 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

އިންޑިއާއަކީ ދަތުރުކުރުން ރައްކާތެރި ނޫން ގައުމެއްގެ ގޮތަށް ކަނޑައެޅުމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މިމަހުގެ 26 ވަނަ ދުވަހު އެގައުމަށް ކުރުމަށް ހަމަ ޖެހިފައިވާ ދަތުރު ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ކޮވިޑް-19 އަށް އިންޑިއާ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ކޮންމެ ދުވަހަކު ވެސް ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އިއްޔެ ވެސް ތިންލައްކަ އާއި ގާތް ކުރާ އަދަދެއްގެ މީހުން އެގައުމުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެގައުމުގެ ބައެއް ސަރަހައްދުތައް މިހާރު ގެންދަނީ ފުރަބަންދު ވެސް ކުރަމުންނެވެ.