އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ، ގުޖުރާތުގެ ވަޑޯޑަރާގައި ހުރި މިސްކިތެއް ކޮވިޑް ފެސިލީއެއްގެ ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ.

އެ ގައުމުގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މި ވައިރަސްއަށް ފައްސިވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޭގެ ސަބަބުން ފަރުވާދިނުމަށް ބޭނުންވާ އާލާތްތަކާއި ތަންތަނުގެ ދަތިކަން ވަނީ އިންޑިޔާގެ ހުރިހާ ހިސާބަކަށް ވެސް ކުރިމަތިވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި މިސްކިތުގައި އެއްފަހަރާ 50 މީހުންނަށް ފަރުވާދިނުމުގެ ޖާގަ އޮވެއެވެ. މި މިސްކިތް ވަނީ 50 އެނދުގެ ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރެވިފައެވެ.

މިސްކިތްތަކާއި ބެހޭ އިދާރާއިން ބުނެފައިވަނީ ކޮވިޑު ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ތަނުގެ ދަތިކަން ކުރިމަތިވަމުންދާތީ މި ނިންމުން ނިންމީ ކަމަށެވެ. ހޮސްޕިޓަލުގައި އެނދުމަތި ނުކުރެވުމުގެ ސަބަބުން ކުރިމަތިވާ ކަންްތައްތަކަށް ބަލާފައި މިގޮތަށް ނިންމީ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. މި ވަގުތު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަލިމީހުންނަށް ފަރުވާދޭނެ ތަން ނެތުމުގެ މައްސަލަ ކަމަށް ވެސް އެ އިދާރާއިން ފާހަަގަ ކޮށްފައިވެއެވެ.

މިސްކިތުގެ ޓްރަސްޓީއެއް ކަމަށްވާ އިރުފާން ޝެއިޚް ބުނެފައިވަނީ މި ނިންމުން އެމީހުން ނިންމާފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގައި ކަމަށެވެ.

''ކޮރޯނާ ވައިރަސްގެ ކޭސްތައް ދުވަހުން ދުވަހަށް އިތުރުވުމުގެ ސަބަބުން އޮކްސިޖަން ލިބުމާއި އެނދުމަތިކުރާނެ އެނދު ނުލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފަ. އެހެންވެ މިސްކިތް ކޯވިޑް ފެސިލިޓީއަކަށް ބަދަލު ކުރުމަށް ނިންމީ. މިތަނުގައި 50 އެނދު ބެހެއްޓޭ. ރަމަޟާން މަހު ކުރެވޭ ހެޔޮ ކަމެއްގެ ގޮތުގައި މިކަން ވެސް މި ކުރަނީ'' އިރުފާން ޝެއިޚް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ސާބަހޭ ތީ ޙަޤީޤީ މުސްލިމުންނަކީ... އެހީވާއިރު ހާލުގައި ޖެހިފައިވާމީހުންގެ ދީނަކަށް ނަސްލަކަށް ނުބަލާނެ.. .. ..

    23
    2
    • .....

      ކާފަ އަށް ގުރުއާންގަ އޮތްއެއްޗެއް އަދި އެއްޗެއް އަދި އެއްފަހަރު މާނަޔާއެއްކޮށް ކިޔާލަން ނަސޭހަތްތެރިވަން...

      5
      2