މިސިސް ވޯލްޑްގެ ލަގަބް ލިބިފައިވާ ކެރޮލިން ޖޫލިން އެ މަގާމުން އިސްތިއުފާ ދީފިއެވެ.

ސްރީލަންކާގެ ރީތީގެ ރާނީ ހޮވުމަށް ބާއްވާ ހަފްލާ އިންތިޒާމްކޮށް ކުރިޔަށް ގެންދާ އޯގަނައިޒޭޝަން ޕިޖިއަންޓުން ބުނީ އެ ހަފްލާގައި ހަމަނުޖެހުން ހިންގުމަށް ފަހު ޖޫލިން ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދީފައި ކަމަށެވެ.

ކެރޮލިން ޖޫލިން އިސްތިއުފާ ދީފައިވަނީ އޭނާ ޕުޝްޕިކާ ދި ސިލްވާ ބޮލުގައި ތާޖު އެޅުވުމުން އޭނާއަށް އެމަގާމު ހައްގު ނުވާ ކަމަށް ބުނެ ގަދަކަމުން ތާޖު އަތުލި މައްސަލައިގައި ޖޫލިން ހައްޔަރު ކުރިތާ ހަފްތާއެއް ފަހުންނެވެ.

މީޑިއާއަށް ދިން އިންޓަވިއު އެއްގައި މިސިސް ވޯލްޑް އިންކުން ބުނެފައިވަނީ ކެރޮލިން ޖޫލިން އިސްތިއުފާ ދީފައިވަނީ އޭނާ އަމިއްލަ އިހްތުޔާރުގައި އަމިއްލަޔަށް ބޭނުން ވެގެން ކަމަށެެވެ.

އެ އޯގަނައިޒޭޝަނުން ބުނެފައިވަނީ ދެން ކެރޮލިން ޖޫލިން ހުރި މަގާމުގައި ހުންނާނީ 2020 ވަނަ އަހަރު ރީތީގެ ރާނީ ރަނަރަޕް ލިބުނު ކޭޓް ޝްނެއިޑާ ކަމަށެވެ.

ސްރީލަންކާގެ ރީތީގެ ރާނީ ތާޖު ލިބުނު ޕުޝްޕިކާ ދި ސިލްވާ ވަނީ ގަދަކަމުން އޭނާގެ ބޮލުގައި އަޅުވާފައިވާ ތާޖު ނަގަން އުޅުމުން އަނިޔާވި ކަމަށް ބުނެ ކެރޮލިން ޖޫލިންގެ މައްސަަލަ ފުލުހަށް ހުށަހަޅާފައެވެ. ޖޫލިން ހައްޔަރު ކުރެވިފައިވަނީ މި މައްސަލަ އާއި ގުޅިގެން އޭނާގެ ބަޔާން ދިނުމަށް ފުލުސް އޮފީހަށް ހާޒިރުވި ތަނުންނެވެ.

ކެރޮލިން ޖޫލިންއަށް 2019 ވަނަ އަހަރު ވަނީ ސްރީ ލަންކާގެ ރީތީގެ ރާނީ ތާޖު ލިބިފައެވެ. އަދި 2020 ވަނަ އަހަރު މިސިސް ވޯލްޑްގެ ލަގަބު ވެސް ވަނީ ޖޫލިންއަށް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު