މިއަދު އިންޑިއާ އިން ކޮވިޑް-19 އަށް ރެކޯޑް އަދަދެއްގެ މީހުން ފައްސިވެ، ކޮވިޑް ޖެހިގެން ރެކޯޑް އަދަދެއްގެ މީހުން މަރުވެއްޖެއެވެ. ދެންމެ އިންޑިއާ ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު އިންޑިއާ އިން ވަނީ 315,728 މީހުން ފައްސިވެފައެވެ. އަދި ކޮވިޑް ޖެހިގެން މިއަދު 2,102 މީހަކު ވަނީ މަރުވެފައެވެ.

މިއަދަކީ އިންޑިއާ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އަދި ކޮވިޑް ޖެހިގެން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ކޮންޓްރޯލެއް ނެތި އިތުރުވަމުން އަންނައިރު، ގިނަ ހޮސްޕިޓަލްތަކެއް ފުރި، ބަލި މީހުންނަށް ފަރުވާ ދެވެން ނެތް ހާލަތައް ވަނީ ގޮސްފައެވެ.

އެންމެ ހާލަތު ގޯސް މަހާރާޝްތުރަ އިން މިއަދު 67000 މީހުން ވަނީ ފައްސިވެފައެވެ. ވެރިރަށް ނިއުދިއްލީން މިއަދު 24000 މީހުން ފައްސިވެފައި ވާއިރު ދިއްލީގައި ކޮވިޑަށް މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން %31 މީހުން ވަނީ ފައްސިވެފައެވެ.

މަހާރާޝްތުރަގެ ހޮސްޕިޓަލްތަކުން އޮކްސިޖަން ހުސްވަމުންދާ ކަމުގެ ރިޕޯޓްތައް އަންނަނީ ލިބެމުންނެވެ. ކަރްނާޓަކާގައި މަރުވެފައިވާ މީހުންގެ ހަށިތައް އެންދުމާއި، ވަޅުލުމުގައި ސަރުކާރުގެ އޮފިޝަލުންނަށް ދަތިތައް ކުރިމަތިވަމުން އަންނާތީ އަމިއްލަ ބިންތަކުގައި މީހުން އެންދުމާއި ވަޅުލުމުގެ ހުއްދަ މިއަދު ވަނީ ދީފައެވެ.

އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހުރިހާ އުމުރެއްގެ މީހުންނަށް ވެކްސިން ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. ގިނަ ސްޓޭޓްތަކުން މެއި މަހުގެ 01 ވަނަ ދުވަހު ހުރިހާ އުމުރެއްގެ މީހުންނަށް ވެކްސިން ދޭން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު