އެމެރިކާއިން ކުރިއަށް ގެންދަން ނިންމާފައިވާ ކްލައިމެޓް ސަމިޓްގައި ޗައިނާ އިން ބައިވެރިވާނެ ކަމަށް އެ ގައުމުން ބުނެފިއެެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދައުވަތަށް ކްލައިމެޓް ސަމިޓުގައި ބައިވެރިވާނެކަން ޗައިނާގެ ރައީސް ޒީ ޖިންޕިންގްގެ ފަރާތުން ވަނީ ކަށަވަރު ކޮށްދީފިއެވެ. މިއީ ޖޯ ބައިޑެން ރައީސް ކަމާ ހަވާލްވެވަޑައިގެންނެވި ފަހުން ޗައިނާގެ ރައީސާ ބައްދަލުވާ ފުރަތަމަ ފަހަރެވެ.

ދެ ދުވަހަށް ކުރިޔަށްދާ އޮންލައިން ސަމިޓުގައި ބައިވެރިވުމަށް ދުނިޔޭގެ ގިނަ ލީޑަރުންނަށް ބައިޑެން ވަނީ ދައުވަތު ދެއްވައިފައެވެ.

ވީޑިއޯ މެދުވެރިކޮށް ޗައިނާގެ ރައީސް ސަމިޓުގައި ބައިވެރިވެ މުހިންމު ވާހަކަކޮޅެއް ހިއްސާ ކޮށްލާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ މޫސުމާއި ބެހޭ ކަންކަމުގައި އިސްކޮށް މަސައްކަތް ކުރަމުންދާ، ޖޯން ކެރީ ވަނީ ޗައިނާއަށް ދަތުރު ކުރައްވާފައެވެ. މި ދަތުރުފުޅަކީ ބައިޑެންގެ ވެރިކަމުގައި ޗައިނާއަށް ކުރި ފުރަތަމަ ރަސްމީ ދަތުރެވެ.

ދުނިޔެއިން ޖައްވުގެ ތެރެޔަށް އެންމެ ގިނައިން ކާބަން ދޫކުރާ ގައުމަކީ ޗައިނާއެވެ. 2030 ވަނަ އަހަރާއި ހިސާބަށް ކާބަން ދޫކުރާ ވަރު މަދުކޮށް އޭގެ 30 އަހަރު ފަހުން ކާބަން ނިއުޓަރަލް ގައުމަކަށް ޗައިނާ ހަދާނެ ކަމަށް އެގައުމުން ބުނެފައިވެއެވެ.

ޗައިނާގެ ރައީސް ވަނީ މިދިޔަ ހަފްތާގައި ޖަރުމަނު ވިލާތާއި ފްރާންސާއެކު ކްލައިމެޓް ސަމިޓެއްގައި ބައިވެރިވެފައެވެ. ޗައިނާގެ ރައީސް ވިދާޅުވީ ޑިވެލޮޕް ވެފައިވާ ގައުމުތަކުން ކާބަން ބޭރު ކުރާ ވަރު މަދުކުރުމަށް ވަކި މިންގަނޑެއް އެކުލަވާލައި އެހެން ގައުމުތަކަށް ކާބަން އެމިޝަން މަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.