އިންޑިއާގެ ދިއްލީގެ ހޮސްޕިޓަލް ތަކުން ދެތިން ގަޑި އިރު ތެރޭގައި އޮކްސިޖެން ހުސްވެދާނެ ކަމަށް ބުނެފިއެވެ. ހޮސްޕިޓަލު ތަކުން މިހެން ބުނެފައިވަނީ ކޮވިޑަށް ފަރުވާ ކުރަމުންދާ އޮކްސިޖެންއަށް ބޭނުން ޖެހިފައިތިބި އެތައް ބަލިމީހުން ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައި ވަނިކޮށެވެ.

ދިއްލީގެ ރޮހިނީ ސަރަހައްދުގައި ހުރި ހޮސްޕިޓަލަކުން ބުނެފައިވަނީ ބާކީ އޮކްސިޖެން ހުރީ ދެ ގަޑިއިރަށް ބޭނުން ކުރެވޭ ވަރަށް ކަމަށާއި، އޮކްސިޖެން ސަޕްލައި ކުރާ ފަރާތްތަކުން މިހާރު ޖަވާބްދާރީ ނުވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ދިއްލީގެ ހައިކޯޓުން އިއްޔެ ސަރުކާރަށް އަންގާފައިވަނީ 1،400 ބަލި މީހުންނަށް ފަރުވާ ދެމުންދާ ޕްރައިވެޓް ހަ ހޮސްޕިޓަލަކަށް ވީ އެންމެ އަވަހަކަށް އޮކްސިޖެން ސަޕްލައި ފޯރު ކޮށްދިނުމަށެވެ.

"ބޭނުންވަނީ ސަރުކާރުން ދިއްލީގެ ރައްޔިތުންނާއި، ހާލު ބޮޑު ބަލިމީހުން އަދި އޮކްސިޖެންއަށް ބޭނުން ޖެހިފައިތިބި މީހުންނަށް ކޮންމެ ގޮތެއް ހަދާފައިވެސް އޮކްސިޖެން ފޯރު ކޮށްދެން. ހޮސްޕިޓަލު ތަކަށް ފަރުވާ ދިނުމަށް ބޭނުންވާނެ ވަރަށް އޮކްސިޖެން ހޯދައި ދިނުމަކީ ސަރުކާރުގެ ޒިންމާއެއް" ހައި ކޯޓުން ބުނެފައިވެއެވެ.

ކޯޓުން އެ މައްސަލަ އާއި ގުޅިގެން ވާހަކަ ދައްކާފައިވަނީ އަމިއްލަ މީހުން ހިންގާ ހަ ހޮސްޕިޓަަލަކުން އޮކްސިޖެންގެ ދަތިކަން ކުރިމަތި ވަމުންދާތީ ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ. ކޯޓުން އަމުރު ކޮށްފައިވަނީ އިންޑިއާގެ ސަރުކާރުން އޮކްސިޖެން ސަޕްލައިއަށް ބުރޫ އެރުމާއި އެކު އެކަމުގައި އަމަލު ކުރަމުންދާގޮތް ހައި ކޯޓަށް އެންގުމަށެވެ. ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ހޮސްޕިޓަލުތަަކަށް އޮކްސިޖެން ފޯރު ކޮށްދިނުމަށް އާދޭސް ކުރަންވިޔަސް، ފަހުން ދޭ ގޮތަށް ހޯދަން ވިޔަސް ނުވަތަ ފޭރިގަންނަން ވިޔަސް އެ ލިބެން ހުރި ގޮތަކަށް ހޯދާ ހޮސްޕިޓަލުތަކަށް އޮކްސިޖެން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު