އިންޑޮނޭޝިއާއިން އަސްކަރީ ތަމްރީނެއްގައި ބައިވެރިވި ސަބްމެރީންއެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. މި ސަބްމެރީން އަކީ 53 މީހުންނާއި އެކު ދަތުރު ކުރަމުންދިޔަ އެއްޗެއް ކަމާއި، އޭގައި ބާކީ އޮކްސިޖެން ހުންނާނީ 72 ގަޑިއިރަށް ވާވަރަށް ކަމަށް އިންޑޮނޭޝިއާގެ މިލިޓަރީ ޗީފް ބުނެފައިވެއެވެ.

އެގައުމުން ވަނީ ސަބްމެރީން ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިއާ އާއި ސިންގަޕޫރުގެ އެހީތެރިކަމަށް އެދިފައެވެ.

އިއްޔެ ގެއްލިގެން ހޯދަން ފަށާފައިވާ އިންޑޮނޭޝިއާގެ ސަބްމެރީން ހޯދުމުގައި މިހާރު ސިންގަޕޫރާއި މެލޭޝިއާއިން ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ސިންގަޕޫރުގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ އިންޑޮނޭޝިއާއަށް އެހީތެރި ވެދެއްވާނެ ކަމަށާއި، މިހާރުވެސް ރެސްކިއު އުޅަނދުތައް ފޮނުވާފައިވާނެ ކަމަށެވެ. އިތުރަށް ބޭނުން ވާނަމަ އެހެން އުޅަނދުތައްވެސް ފޮނުވާނެ ކަމަށާއި މެޑިކަލް ޓީމެއްވެސް ފޮނުވައިދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިންގަޕޫރާއިި އިންޑޮނޭޝިއާގެ ދިފާއީ ބާރު ތަކަކީ ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށާއި، ދިމާވާ ކަމެއްގައި އެހީތެރިކަން ފޯރު ކޮށްދެއްވާނެ ކަމަށް ސިންގަޕޫރުން ވިދާޅުވިއެވެ. އެގައުމުން ފޮނުއްވި ރެސްކިއު އުޅަނދު ތަކަށް އިންޑޮނޭޝިއާއިން ސަބްމެރީން ގެއްލުނު ކަމަށް ބުނާ ސަރަހައްދަށް ވާސިލް ވެވޭނީ ހޮނިހިރު ދުވަހު ކަމަށް އިންޑޮނޭޝިއާ އަސްކަރީން މައުލޫމާތު ދީފައިވެއެވެ.

ސަބްމެރީން ހޯދުމުގެ އޮޕަރޭޝަން ކުރިޔަށް ދަނީ ބާލީ ކައިރީގައެވެ. މެލޭޝިއާއިން އެހީތެރިވުމަށް ފޮނުވާފައިވާ ރެސްކިއު ޓީމަށް އެސަރަހައްދަށް ދެވޭނެ ކަމަށް ލަފާކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރަށެވެ.

މިހާރު އިންޑޮނޭޝިއާގެ އަސްކަރީ ފަސް މަނަވަރާއި ހެލިކޮޕްޓަރެއް ސަބްމެރީން ހޯދުމަށް ހަރަކާތްތެރި ވަމުން ދާކަމަށް ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަގަ ދައްކަވަމުން އިންޑޮނޭޝިއާގެ ތަރުޖަމާނު ވިދާޅުވިއެވެ.