ސްކޭމެއްގެ ތެރެެއިން 32 މިލިއަން އެމެރިކާ ޑޯލަރު ހޮންގްކޮންގެ އަންހެނެއްގެ އަތުން ފޭރިގެންފިއެވެ.

ހޮންގްކޮންގެ ފުލުހުން ބުނެފައިވަނީ އުމުރުން 90 އަހަރުގެ އެ އަންހެން މީހާގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަންހެން މީހާގެ ނަމުގައި ޗައިނާގައި ވައްކަން ކުރާ ކަމަށް ބުނުމުން މީހަކަށް 10 ޕޭމެންޓެއް ދިން ކަމަށް އަންހެން މީހާ ފުލުހުން ރިޕޯޓް ކޮށްފައިވަނީ، މިދިޔަ މަހުގެ ދެ ވަނަ ދުވަހުއެވެ.

އެގޮތުން އޭނާ ބުނީ، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޗައިނާ ފުލުހުންގެ އިދާރާގެ މީހެއް ކަމަށް ބުނެ މީހަކު ގުޅި ކަމަށާއި އޭގެ ފަހުން ގެއަށް އައިސް އެމީހުންނާއި ވާހަކަ ދެއްކުމަށް ވަކިން ފޯނެއް ދިން ކަމަށެވެ. އޭގެ ފަހުން ބުނާ ދުވަހަކަށް ފައިސާ ދެއްކުމަށް ބުނި ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

އެގޮތަށް ހަދާފައިވަނީ އޭނާ ނުކުރާ ކަމެއް ކޮށްފައިވާ ކަމަށް ބުނެ، އެކަން ބޮލުގައި ނޭޅުވުމަށް ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

އެމައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާ މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު، މި މަހުގެ ފަހުކޮޅު އޭނާ ފުލުހުންނަށް ރިޕޯޓް ކުރަން ޖެހޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު މީހުން ވެސް މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.