ޗައިނާގެ ޓެލެކޮމްގެ ވައްތަރުތައް ސަޕްލައި ކުރާ ކުންފުނި ހުއާވޭއިން ނެދަލޭންޑްސްގެ އެންމެ ބޮޑު މޯބައިލް ނެޓްވޯކް ކޭޕީއެން ބޭނުން ކުރަމުންދިޔަ މީހުންގެ ކޯލްތައް އަޑުއަހަމުންދާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަމާ ގުޅޭ ރިޕޯޓު ޝާއިޢުކޮށްފައިވަނީ ހޮލެންޑްގެ ނޫހަކުންނެވެ.

ރިޕޯޓަކީ 2010 ވަނަ އަހަރު ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ނަމަވެސް، އޭރު ރިޕޯޓު ޝާއިޢު ކޮށްފައެއް ނުވެއެވެ. ރިޕޯޓުގައި ބުނެފައިވަނީ ނެދަލެންޑްސް އާއި ޗައިނާގައި ތިބި ހުއާވޭގެ މުވައްޒަފުން ނެދަލެންޑްސްގެ މޮބައިލް ނެޓްވޯކްގެ ކޯލްތައް އަޑު އަހާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނެދަލެންޑްސްގެ ބޮޑުވަޒީރު ޖާން ޕީޓާ ބަލްކެނެންޑެގެ ކޯލަކާއި ޗައިނާގެ ސަރުކާރާ ދެކޮޅު މީހުންތަކެއް ކޮށްފައިވާ ފޯން ކޯލެއް ހިމެނޭ ކަމަށް ރިޕޯޓުގައިވެއެވެ.

ނެދަލޭންޑްސްގެ ކޭޕީއެން ނެޓްވޯކުން ހުއާވޭ ޓެކްނޮލޮޖީ ބޭނުން ކުރަން ފެށީ 2009 ވަނަ އަހަރުއެވެ. ރިޕޯޓުގައި ބުނެފައިވާގޮތުން ނެދަލޭންޑުގެ ސެކިއުރިޓީ ސާވިސްއިން ޓެޕް ކޮށްފައިވާ ނަންބަރުތަކުން ކުރާ ކޯލްތައް ވެސް ހުއާވޭއަށް އަޑުއެހެއެވެ. ކޭޕީއެން ނެޓްވޯކް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި އެ ނެޓްވޯކް ބޭނުން ކުރާ މީހުން ސިއްރުން ދައްކާ ވާހަކަ ވެސް ހުއާވޭއަށް މޮނިޓާ ކުރެވޭނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް، ކޭޕީއެން ނެޓްވޯކުން ހުއާވޭއަށް ކުރަމުންދާ ތުހުމަތު އެ ކުންފުނިން ވަނީ ދޮގު ކޮށްފައެވެ.

ޗައިނާގެ ހުއާވޭ ކުންފުނިން ބުނެފައިވަނީ އެއްވެސް ފޯން ކޯލެއްގައި ދައްކާފައިވާ ވާހަކަ އަޑު އަހާފައި ނުވާ ކަމަށާއި، އެތަނުގެ މުވައްޒަފުންނަށް ކޭޕީއެން ނެޓްވޯކުގެ އެއްވެސް ޑޭޓާއަކަށް ވަދެ ޒާތީ އެއްވެސް މައުލޫމާތެއް ހޯދުމުގެ ބާރު ދެވިފައި ނުވާ ކަމަށެވެ.