އިންޑިއާ އިން ކޮވިޑް-19 އަށް އިއްޔެ ފައްސިވި އަދަދަކީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އެއްދުވަސް ތެރޭގައި ފައްސިވެފައިވާ އަދަދެއް ނޫންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އިއްޔެ އިންޑިއާ އިން ވަނީ 332,503 މީހުން ކޮވިޑަށް ފައްސިވެފައެވެ.

އެންމެ ހާލަތު ގޯސްވި އެމެރިކާގައި ވެސް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހު ކޮވިޑަށް ފައްސިވެފައި ވަނީ 307000 މީހުންނެވެ.

އިންޑިއާ އިން އިއްޔެ ވަނީ ކޮވިޑް ޖެހިގެން 2,256 މީހުން މަރުވެފައެވެ. އިއްޔެ އަކީ އިންޑިއާ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް ޖެހިގެން މަރުވި ދުވަހެވެ.

އިންޑިއާ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 16.2 މިލިއަނަށް އަރައެވެ. މިހާތަނަށް އިންޑިއާ އިން ވަނީ 186,928 މީހުން ކޮވިޑް ޖެހިގެން މަރުވެފައެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައް ތޮއްޖެހިފައި ވާއިރު އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން މިހާރު ވަނީ އޮކްސިޖަން ވެސް ހުސްވެފައެވެ. އެހެންކަމުން މަރުވާ މީހުންގެ އަދަދު އިތުރުވެ، އިންޑިއާ އިން ރެކޯޑް އަދަދެއްގެ މީހުން މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އަލުން މަޝްވަރާކޮށް ދެން އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ހާލަތު ގޯސްވެ ބައެއް ސިއްހީ ސާމާނު ލިބުމުގައި ދަތިތައް ކުރިމަތިވެފައި ވާތީ އިންޑިއާ އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޗައިނާ އިން އިއްޔެ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު