އިންޑިއާގެ މަހާރާޝްތުރައިގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަލިފާން ރޯވެ ހިނގި ހާދިސާއެއްގައި އައިސީޔޫގައި އެޑްމިޓް ކޮށްފައި ތިބި ކޮވިޑް ބަލީގެ 13 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޭ މެންދަމު 03:00 ހާއިރު އަލިފާން ރޯވެފައި ވަނީ ހަތަރު ބުރިއަށް ހުންނަ ހޮސްޕިޓަލެއް ކަމަށްވާ ވިޖޭ ވައްލާބް ހޮސްޕިޓަލްގައެވެ. އަލިފާން ރޯވީ ހޮސްޕިޓަލްގެ ދެވަނަ ބުރީގައެވެ. "އަލިފާނުގެ ހާދިސާ ހިނގި އިރު ހޮސްޕިޓަލްގައި 90 ބަލި މީހަކު އެޑްމިޓް ކޮށްފައި ތިބި." ހޮސްޕިޓަލުން ބުންޏެވެ.

މިހާދިސާގައި މަރުވި މީހުންގެ އާއިލާތައް ދެނެގަތުމުގެ މަސައްކަތް މިހާރު ހޮސްޕިޓަލުން ކުރަމުން އެބަގެންދެވެ. ހޮސްޕިޓަލް ކައިރިއަށް މިހާރު ވަނީ ބަލި މީހުންގެ އާއިލާ މެންބަރުންނާއި ގާތް މީހުން ޖަމާވެފައެވެ.

އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ އަދަދެއް އަދި ހާމައެއް ނުކުރެއެވެ.

މަހާރާޝްތުރަގެ ޗީފް މިނިސްޓަރު ވަނީ ހޮސްޕިޓަލްގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަނެ އެކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްނަމަ އެފަރާތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު މިހާރު އެންމެ ހާލަތު ގޯސް އެއް އަވަށަކީ މަހާރާސްތުރަ އެވެ. އިއްޔެ ވެސް 67000 އަށްވުރެ ގިނަ މީހުން ހަމައެކަނި މަހާރާޝްތުރަ އިން ކޮވިޑަށް ފައްސިވެފައި ވެއެވެ.

އިންޑިއާގައި މިހާރު ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރެމުން ދާއިރު ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. ހޮސްޕިޓަލްތަކުގެ ޖާގައަށްވުރެ އިތުރަށް ބަލި މީހުން އެޑްމިޓް ކުރަން ޖެހުމުން އެކަށީގެންވާ ވަރާއި ގާތައް ވެސް ހޮސްޕިޓަލްތަކުން ބަލި މީހުންނަށް ފަރުވާއެއް ނުދެވެއެވެ.