އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އާދަޔާއި ހިލާފަށް އިތުރުވެ، ބަލި ކޮންޓްރޯލެއް ނެތި ފެތުރެން ފެށުމުން އިންޑިއާގެ ސުޕްރީމް ކޯޓުން އަމިއްލައަށް އިސްނަގައިގެން އެމައްސަލަ އާއި ގުޅޭ އަޑުއެހުމެއް ބާއްވާ، ވަކި ކަންތައްތަކެއް ކުރަން ސަރުކާރަށް އަމުރުކޮށްފިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓަށް ލިބޭ ބާރުގެ ދަށުން ސްމޯޓޯ މައްސަލައެއްގެ ގޮތުގައި ކޮވިޑް ފައްސި އިތުރުވާ މައްސަލަ ސުޕްރީމް ކޯޓުން ބަލާފައި ވަނީ ބެންޗްގައި އުއްތަމަ ފަނޑިޔާރު އެސްއޭ ސޮބްދީ ވެސް އިންނަވައިގެންނެވެ.

ސުޕްރީމް ކޯޓުން ވަނީ މިހާރު އިންޑިއާގައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ބުނެފައެވެ. މައި ސަރުކާރުން އިންޑިއާގެ އެކި ސަރަހައްދުތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އަދި ވެކްސިން އިންޑިއާގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ސުޕްރީމް ކޯޓަށް ހުށަހަޅަން ވެސް ސަރުކާރަށް ވަނީ އަންގާފައެވެ.

"އޮކްސިޖަން ސަޕްލައި ކުރުމަށް ސަރުކާރުން ތައްޔާރުކޮށްފައި އޮތް ގައުމީ ޕްލޭނާއި ކޮންމެހެން ބޭނުންވާ ބޭހާއި ވެކްސިން ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޕްލޭން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ބޭނުންވާ ޕްލޭންތައް މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅަން ވަނީ އަންގާފައެވެ. އަދި މިމައްސަލައިގެ އަޑުއެހުމެއް ވެސް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަޑުއެހުމުގައި ސަރުކާރުގެ ޕްލޭންތަކާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަރުކާރުގެ އޮފިޝަލުންނާއި ސުވާލު ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 16.2 މިލިއަނަށް އަރައެވެ. މިހާތަނަށް އިންޑިއާ އިން ވަނީ 186,928 މީހުން ކޮވިޑް ޖެހިގެން މަރުވެފައެވެ.

އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ ގޮތުން އަލުން މަޝްވަރާކޮށް ދެން އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު