ކޮވިޑް-19ގެ އެންމެ ނުރައްކާ ބޮޑު އެއް ގައުމެއްގެ ގޮތުގައި ހިމެނިފައިވާ އިންޑިއާއަކީ ދަތުރު ކުރުން ރައްކާތެރި ނޫން ގައުމެއްގެ ގޮތުގައި ގިނަ ގައުމުތަކުން ނިންމައިފިއެވެ.

ގިނަ ގައުމުތަކުން އިންޑިއާއަކީ ދަތުރު ކުރުން ރައްކާތެރި ނޫން ގައުމެއްގެ ގޮތުގައި ނިންމާފައިވަނީ އެގައުމުން ބަލީގެ އާ ވައްތަރެއް ފެނި، ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ފައްސިވަމުން އަންނާތީއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެގައުމުން 20،000 ވުރެގިނަ މީހުން ފައްސިވާކަން ފާހަގަ ކޮށްލެވެއެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން އިންޑިއާއަށް ދަތުރު ކުރުން މަނާކޮށްފައިވާއިރު، އެގައުމުގެ ވެރިރަށް ދިއްލީ ވެސް ވަނީ ފުރަބަންދުކޮށްފައެވެ.

އިންޑިއާ އަށް ދަތުރުކުރުން މަނާކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ޔޫއޭއީ، އިނގިރޭސިވިލާތް، ސިންގަޕޫރު، ޕާކިސްތާން، ނިއުޒިލޭންޑް އަދި ހޮންގްކޮންގް ފަދަ ގައުމުތައް ހިމެނެއެވެ.

ޔޫއޭއީން ވަނީ މިދިޔަ 14 ދުވަހުގެ ތެރޭ އިންޑިއާގައި ޓްރާންސިޓްވި ނަމަވެސް އެ ގައުމަށް ނޭރޭނެކަން ހާމަ ކޮށްފައެވެ. އަދި އިނގިރޭސިވިލާތުން ވަނީ ކޮވިޑް ޓްރެވަލް "ރެޑް ލިސްޓް" ގައި އިންޑިއާ ހިމަނައިފައެވެ.

ހަމަ އެގޮތަށް ހޮންގްކޮންގް އިން ވެސް ވަނީ އިންޑިއާއިން ދާ ދަތުރުވެރިން އެތެރެވުން މަނާ ކޮށްފައެވެ. އަދި ސިންގަޕޫރުން ވަނީ އިންޑިއާ އިން ދާ މީހުން އިތުރު ހަތް ދުވަސް ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ބުނެފައެވެ.

އިންޑިއާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، ރާއްޖެއަކީ ވެސް އިންޑިއާގެ ގިނަ ބަޔަކު މިހާރު ވެސް ދަތުރު ކުރަމުން އަންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެން

    ރާއްޖެ އިން މަނާ ނުކުރަނީ ކީއްވެހޭ؟

    14
  2. ޚިނޏެ

    ހުސޭނޫ، އިންޑިއާ މީހިން އިންޑިއާއަށް ދިއުން މަނާ ކުވޭތަ؟

    12
  3. މަބޭ

    ރާއްޖެއިން މަނާނުކުރަނީ 2018 އިންފެށިގެން މިގައުމު ހިންގަމުންމިދަނީ އިންޑިޔާގެ އަވަށެއްގެގޮތުގަ ކަމައްވާތީ

    12