އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. އެތައް ބަޔަކު މިހާރު އެ ގައުމުގައި ކޮވިޑް ބަލީގައި ދަނީ މަރުވަމުންނެވެ. ގިނަބަޔަކު އެ ބަލީގައި މަރުވަމުން ދަނީ ފަރުވާ ނުލިބިއެވެ. އެ ފަރުވާ ނުލިބެނީ ފަރުވާ ދޭން އެނދުމަތި ކުރާނެ އެނދެއްހާ މިންވަރު ވެސް ނެތިގެންނެވެ. އެހާވެސް އިންޑިއާގެ ހާލަތު ވަނީ ގޯސްވެފައެވެ.

މި ނުރައްކާތެރި ހިނދުކޮޅަށް އެ ގައުމުގެ ހާލަތު ގޮސްފައިވާއިރު، އެތައް ބަޔަކު އެ ބަލީގައި ފަރުވާ ނުލިބި މަރުވަމުންދާ ވާހަކަތައް އެ ދައްކަނީ އަސަރާއި އެކުގައެވެ. މިއީވެސް އެފަދަ ވާހަކައެކެވެ.

އޭނާ ވަނީ ސީއެންއެން ނޫހަށް އޭނާގެ ބައްފަ ނިޔާވި ވާހަކަ އަސަރާއި އެކު ކިޔާދީފައެވެ. ހޮސްޕިޓަލްގައި ބައްޕަ ބާއްވައިގެން ފަރުވާދެވޭނެ އެނދެއް ނެތް ވާހަކައެވެ. ބައްޕައަށް އޮކްސިޖަން ނުލިބުނު ހިތާމަވެރި ވާހަކައެވެ.

އުމުރުން 22 އަހަރުގެ ވިޝްވަރޫޕް ޝަރްމާ ނަމަކަށް ކިޔާ މި ޒުވާނާ ގަބޫލު ކުރާގޮތުގައި، އޭނާ ދިރިއުޅެމުން ދަނީ ނަރަކައިގައެވެ. މީގެ ތިން ދުވަސް ކުރިން އޭނާ، އޭނާގެ ހާލަތު ގޯސްވެފައިވާ ބައްޕަ ގޮވައިގެން ދިޔައީ އިންޑިއާގެ ދިއްލީ ހޮސްޕިޓަލަށެވެ. އެތަނަށް ގޮސް އޭނާ އާދޭސް ކުރީ ބައްޕައަށް އެހީތެރިވުމަށެވެ.

ޝަރްމާގެ މަންމަ އާއި ބައްޕަ - ސީއެންއެން ޥީޑިއޯ ސްކްރީންޝޮޓް

އެހެން ނަމަވެސް އެތަނުގައި އެނދެއް ނެތެވެ. އޮކްސިޖަންއެއްވެސް ނެތެވެ. އެހެންވެ މަޖުބޫރުވީ އެ މީހުން އެތަނުގެ ބޭރުގައި މަޑު ކުރާށެވެ.

"ބައްޕަ ބުނީ، ނޭވާލެވޭ ވާހަކަ، ބޭސް ބޭނުންވާ ވާހަކަ، އެހެން ނަމަވެސް، އެއްވެސް އެއްޗެއް ބައްޕައަށް ފޯރުކޮށް ނުދިން. ބައްޕަ މަރުވީ އަހަރެން ލޯ ކުރިމަތީގައި. އަހަރެންގެ އަތް މައްޗަށް" ޝަރްމާ ސީއެންއެންއަށް ކިޔާދިނެވެ.

މިހާރު ހުވަފަތްވެފައިވާ އޭނާގެ މަންމަގެ ހާލުވެސް ގޯހެވެ. މަންމަ ވެސް އުޅެނީ ކޮވިޑާއެކު ނޭވާ ނުލެވިގެންނެވެ. އެހެން ނަމަވެސް މަންމައަށް ފަރުވާ ދިނުމަށް އޭނާ ވަނީ ރަހުމަތްތެރިންގެ އެހީގައި ކަޅުބާޒާރުގައި އޮކްސިޖަން ސިލިންޑަރެއް ގަނެފައެވެ. އަދި އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އޭނާ ދަނީ ކާރުގައި މަންމަ ގޮވައިގެން ފަހަރަކު ހޮސްޕިޓަލަކަށް ދަމުންނެވެ. އެވަގުތުތަކުގައި މަންމަ ނޭވާލަމުން ދަނީ އޮކްސިޖަން މާސްކްގެ އެހީގައެވެ.

އޭނާއަށް މަންމަ ބާއްވާނެ އެނދެއް ލިބުނީ 100 ކިލޯ މީޓަރު ދުރުގައި ހުރި ހޮސްޕިޓަލަކަށް ދަތުރު ކޮށްގެންނެވެ.

"މަންމަ ދިޔައީ އަހަރެން ހަމަޖެއްސަމުން، އަހަރެން ރަނގަޅުވެގެން އަންނާނެ ކަމަށް ބުނަމުން". އޭނާ ކިޔައިދިނެވެ.

ޝަރްމާ އާއި އޭނާގެ މަންމަ - ސީއެންއެން ޥީޑިއޯ ސްކްރީންޝޮޓް

އިންޑިއާއަށް ވަނީ ކޮވިޑްގެ ދެވަނަ ރާޅެއް އަރާފައެވެ. ބޮޑު މާސިންގާ ސުނާމީއެއްގެ ގޮތުގައި ގިނަބަޔަކު މިކަން ސިފަ ކުރެއެވެ.

މި ހާލަތަށް އިންޑިއާ އޮތީ ތައްޔާރަކަށް ނޫނެވެ. ސިއްހީ ހިދުމަތްތެރިންނާއި، ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާ ވަރަށް މީހުން އެ ބައްޔަށް ފައްސިވެ ހާލު ދެރަވަނީއެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވެ، އަދި އެ ބަލީގައި އެންމެ ގިނަބަޔަކު މަރުވާ އެއް ގައުމެވެ. އިއްޔެ އެ ގައުމުން 332،503 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ. މިއީ ރެކޯޑެކެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އެ ބަލީގައި އިއްޔެ މަރުވެފައި ވަނީ 2،256 މީހެކެވެ. މިއީވެސް އެގައުމުގެ ރެކޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނނނ

  އުންމީދު ކުރަން މި ޚަބަރު ކިޔާފަ މިއުޅޭ މިންވަރަށް ޝުކުރު ނުކުރާ ދިވެހިންނަށް އެއްޗެއް ވިސްނޭނެ ކަމަށް

  8
  2
 2. ބާލާޖީ

  މޯދީޖީ ހުރީމާ އެވީނުން

 3. ރޫހީ

  ޝުކުރުނުކުރެވިގެނެއް ނޫނޭ މިއުޅެނީ. މީ ކީއްވެފަ އޮތް ސަރުކާރެއްތަ؟ އަޅެ ތި އިންޑިއާ އިން މީހުން ގެނައުން މިވަގުތަށް ހުއްޓާލަބަލަ އެތަން އެއޮތީ ކޮވިޑުން ފޯވެފައޭ

 4. އީޔޫ

  އަދިވެސް އެހެން ގައުމުތަކަށް އަތްގަދަކުރަން އުޅޭތި އަމިއްލަ ޤައުމު ސަލާމަތް ނުކުރެވޭ ހާލުވެސް ހިލޭ އެހީޔޭ ކިޔާގެން އެއްޗެހި ބަހަނީ ކޮންމެސް މަންފާއެއް ހޯދަން. ް

 5. Mohamed

  ރާއްޖެވެސް މިހާރު މިހާލަތަށް ދަނީ. ސަރުކާރު ނިދާފަ.

  2
  1