ޗައިނާ އިން ޖަޕާނަށް ސައިބާ އެޓޭކްތަކެއް ދިން ކަމަށް ތުހުމަތުކޮށްފިއެވެ.

ޓޯކިޔޯގެ ފުލުހުން ބުނާ ގޮތުގައި، އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރަނީ އިންޖީނިއަރެއްގެ މައްޗަށެވެ. އެމީހާގެ މައްޗަށް މައްސަލަ ހުށަހެޅި އިރު، އޭނާއަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓިގެ މެމްބަރެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޖަޕާންގެ ސްޕޭސް އެޖެންސީ "ޖާޒާ" އާއި އެ ގައުމުގެ 200 ކުންފުންޏަކާއި ދިރާސާ ކުރާ އިދާރާތަކަށް ސައިބާ އެޓޭކް ދިން ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި ތުހުމަތު ކުރާ މީހަކީ އުމުރުން ތިރީހަކަށް އަހަރުގެ ޗައިނާގެ ފިރިހެނެކެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކީ 2016 ވަނަ އަހަރު ކޮމްޕިއުޓަރުތަކުގެ ސާވޭތަކެއް ކުއްޔަށް ނަގައިގެން ޖަޕާންގެ ސްޕޭސް އެޖެންސީ އަށް ވެސް ސައިބަ އެޓޭކްތަކެއް ދިން މީހެކެވެ. އޭނާ އެ ފަހަރު އެ ކުއްޔަށް ނެގީ ފަސް ފަހަރެއްގެ މަތިން ފޭކް ނަންތަކެއް ހުށަހަޅައިގެންނެވެ.

އެމީހާއަކީ ދައުލަތުގެ ޓެލެކޮމް ކުންފުންޏެއްގެ މެމްބަރެއް ކަމަށް ރިޕޯޓުތައް ބުނާ އިރު، މިހާތަނަށް ތަހުގީގުން ހާމަވެފައިވާ ގޮތުގައި އެއީ ކޮމިއުނިސްޓް ޕާޓީގެ މެމްބަރެކެވެ. އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ތެރޭގައި ވެސް ސައިބަ އެޓޭކްތަކެއް ދީފައެވެ.

ސައިބަ އެޓޭކްތައް ދިން އެމީހާއަކީ ހެކަރުންގެ ގްރޫޕެއް ކަމަށްވާ ޓިކްއާ ވެސް ގުޅުން ހުރި މީހެއް ކަމަށްވެއެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނި ގޮތުގައި ޗައިނާ އަށް އުފަން އެހެން މީހަކު ވެސް ކޮމްޕިއުޓަރު ސާވާތަކެއް ބޭނުންކޮށްގެން ސައިބަ އެޓޭކްތަކެއް ދިނުމަށް ވަނީ މަސައްކަތްކޮށްފައެވެ. އެމީހާއަކީ ޗައިނާގެ އަސްކަރިއްޔާ އަށް ނިސްބަތްވާ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި މި ހަމަލާތައް ދީފައި ވަނީ ޗައިނާގެ ސަރުކާރުން ބޭނުންވާ މައުލޫމާތުތަކެއް ހޯދުމުގެ ބޭނުމުގައެވެ. އެހެންވެ ޖަޕާންގެ ކުންފުނިތަކުން މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާން ޖަޕާން ފުލުހުން އެދެއެވެ.