އިންޑިއާގެ ވެރިރަށް ނިއުދިއްލީން މިހާރު ކޮންމެ ފަސް މިނެޓަކުން ކޮވިޑް ބަލީގައި މީހަކު މަރުވަމުންދާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

21.75 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުދިއްލީގެ ހޮސްޕިޓަލްތައް މިހާރު ވަނީ ކޮވިޑް ބަލި މީހުންނުން ފުރިފައެވެ. ގިނަ ހޮސްޕިޓަލްތަކުގެ ވޯޓްތަކާއި ރިސެޕްޝަން އޭރިއާތައް ވެސް ވަނީ ފުރިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނިއުދިއްލީގެ ހޮސްޕިޓަލްތަކަށް ވެސް ވަނީ އޮކްސިޖަން ނުލިބުމުގެ ދަތިތައް ކުރިމަތިވެފައެވެ.

ނިއުދިއްލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެދާނެ ކަމުގެ އިންޒާރު ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މިދިޔަ ބުދަ ދުވަހު ދެއްވާފައެވެ. ބުދަ ދުވަހު މޯދީ ވިދާޅުވީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތައް ބަލާއިރު ބަލި މީހުންނަށް ފަރުވާ ދެވޭވަރުގެ ގާބިލްކަމެއް ނިއުދިއްލީގެ ހޮސްޕިޓަލްތަކަކު ނެތެވެ.

"ހޮސްޕިޓަލްތަކުގެ އެނދާއި، އޮކްސިޖަން އަދި ބަލި މީހުންނަށް ބޭނުންވާ ސިއްހީ ސާމާނާއި ސިއްހީ އެހީތެރިން ބޭނުން ކުރަން ޖެހޭ ތަކެތި ވެސް ބަލި މީހުންގެ އަދަދަށް ބަލާއިރު އެކަށީގެންވާ މިންވަރަކަށް ނެތް." މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ އިންޑިއާއަށް ކޮވިޑްގެ ދެވަނަ ރާޅު އައިސްފައި ވަނީ ތޫފާނެއްގެ ގޮތައް ކަމަށެވެ.

އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދާތީ އިންޑިއާގެ ބައެއް ސްޓޭޓްތައް މިހާރު ވަނީ ފުރަބަންދު ކުރަން ފަށާފައެވެ. އިންޑިއާ އިން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވަމުން ދާތީ ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ އިންޑިއާ އަށް އެގައުމުތަކުގެ ރައްޔިތުން ދަތުރު ކުރުން ވެސް މަނާ ކުރަމުންނެވެ.