މިހާރު އެމެރިކާގެ ޖައްވީ އިދާރާ އިން ހިންގާ އެންމެ މުހިއްމު އެއްމަސައްކަތަކީ މާސްގައި ކުރިއަށް ގެންދާ ދިރާސާތަކުގެ މަސައްކަތެވެ. ދާދިފަހުން ނާސާ އިން ވަނީ މާސްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެތެރެއިން އެންމެ ބޮޑު އެއްކާމިޔާބަކީ މާސްގައި ކާމިޔާބުކަމާއިއެކު ހެލިކޮޕްޓަރެއް ދުއްވުމެވެ. މިއީ އެހެން ޕްލެނެޓެއްގައި ހެލިކޮޕްޓަރެއް ދުއްވި ފުރަތަމަ ފަހަރެވެ.

ނާސާ އިން މާސްގައި ދުއްވާނެ ހެލިކޮޕްޓަރު އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ފަލަސްތީންގެ އިންޖިނޭރެކެވެ. އެއީ ލޮއާ އެލްބަސޯނީ ނަމަކަށް ކިޔާ މީހެކެވެ.

އެލްބަސޯނީ އުފަންވެ އަދި އުޅެ ބޮޑުވީ ވެސް ޣައްޒާގައެވެ. އޭނާ ޣައްޒާ އިން އެމެރިކާ އަށް ދަތުރު ކުރީ 2000 ވަނަ އަހަރުގެ އިންތިފާޟާ ފެށުމުގެ ދުވަސްކޮޅެއް ކުރިންނެވެ. އެލްސަބޯނީގެ އުމުރުން އޭރު 20 އަހަރެވެ. އޭނާ އެމެރިކާ އަށް ދިޔައީ ސްކޮލަޝިޕެއް ލިބިގެން ތައުލީމް ހާސިލް ކުރާށެވެ.

"ކުޑައިރުއްސުރެ އަހަރެން ދެކެމުން އައި ހުވަފެނީ ކޮންމެވެސް ދުވަހަކުން އެއިރޯސްޕޭސް އިންޖިނޭރަކަށް ވުން. ނަމަވެސް ފަލަސްތީނުގައި ހުރެ އެއުއްމީދު ހާސިލް ކުރުން އެއީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަން އަހަރެންނަށް އެނގޭ. ސަބަބަކީ ފަލަސްތީންގައި ޖައްވީ ޕްރޮގްރާމެއް ވެސް ނެތުމުން." އެލްބަސޯނީ ކިޔައިދިނެވެ.

އެހެންކަމުން ސްކޮލަޝިޕަކަށް ކުރިމަތިލައިގެން އެ ސްކޮލަޝިޕް ކާމިޔާބުކޮށް އޭނާ އެމެރިކާ އަށް ދިޔައީއެވެ.

މިއަދު އެލްބަސޯނީ ތައުލީމް ހާސިލްކޮށް ނިމި، ނާސާގެ ވަޒީފާގައި ހުރިއިރު ވެސް އެންމެ ހަނދާން ވަނީ ޣައްޒާ މަތިންނެވެ. ޣައްޒާ އިން އެމެރިކާއަށް ބަދަލުވި ފަހުން އަދި އެންމެ ފަހަރަކު ވެސް އޭނާއަށް އާއިލާގެ މެންބަރުންނާއި ބައްދަލުކުރަން ޣައްޒާއަކަށް ނުދެވެއެވެ.

"އަހަރެން އެންމެ ބޭނުންވަނީ ޣައްޒާއަށް ދާން. ނަމަވެސް އެކަމުގެ ހުއްދަތައް ނުލިބިގެން އަދި ޣައްޒާއަށް ދެވޭ ގޮތެއް ނުވޭ. އަހަރެން ޣައްޒާއަށް ދިއުމަކީ މިޝަން އިމްޕޮސިބަލް އަށް މިވަނީ ވެފައި. އެކަމަކު އަހަރެން އުއްމީދު ކުރަނީ ކޮންމެވެސް އަދުވަހުން ޣައްޒާއަށް ދެވޭނެ ކަމަށް." އެލްބަސޯނީ ބުންޏެވެ.

އެލްބަސޯނީ ވަނީ މާސްގައި ނާސާ އިން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ މާސްގައި ކުރިއަށް ގެންދާ މަސައްކަތްތަކުން ކުރިއަށް އޮތްތަނުގައި ވެސް އާދަޔާއި ހިލާފު ގިނަ ކުރިއެރުންތަކާއި ގިނަ މައުލޫމާތުތައް ހޯދޭނެ ކަމުގެ ޔަގީންކަން އޭނާއަށް އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސްޕޭސްބުރޯ

    ނަމަނަމަ ނުދާތި. ބޯ ތަބަކަކަށް ލާފަ ފޮނުވާނެ އެމެރިކާއަށް. ވަރަށް ނާތަހުޒީބު ބައެއް އެއި

    2
    1
  2. ބުލާާ

    ކޮއްކޯ އެލްބަސޮސް.....ޔަހޫދީން ކޮއްކޮ ވަގަށް ނަގާފާނެންނު