ކޮވިޑް-19 އިން ދިފާއުވުމަށް މިހާތަނަށް އެންމެ ފުރިހަމަ ވެކްސިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ އިސްރާއީލުން ކޮވިޑް ޖެހިގެން މީހަކު މަރުނުވެ އެއްދުވަސް ވޭތުވެއްޖެއެވެ. މިއީ ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ކޮވިޑް ޖެހިގެން އިސްރާއީލުން މީހަކު މަރުނުވެ 24 ގަޑިއިރު ފުރިހަމަވި ފުރަތަމަ ފަހަރެވެ.

ކޮވިޑްގެ ދެވަނަ ރާޅުގައި މިއަހަރުގެ ޖަނަވަރީ މަހު އިސްރާއީލްގެ ހާލަތު ވެސް ވަރަށް ބޮޑަށް ގޯސްވިއެވެ. ކޮންމެ ދުވަހަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އޭރު ނުވަހާހަށް އެރިއެވެ. ނަމަވެސް ފުރަބަންދުކޮށް، އެރި ވަރުގަދަ ފިޔަވަޅުތަކާއި އަދި އޭގެ ފަހުން ކޮވިޑުން ދިފާއުވުމަށް ވަރަށް ހަލުވިކަމާއިއެކު ކުރިއަށް ގެންދިޔަ ވެކްސިން ޕްރޮގްރާމްގެ ސަބަބުން ބަލި ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މިހާރު އިސްރާއީލްގައި ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 200 އަށްވުރެ ވެސް ދަށުގައެވެ.

ބުރާސްފަތި ދުވަހު އިސްރާއީލްގެ ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިސްރާއީލުން ވަނީ ފަސް މިލިއަން މީހުންގެ ވެކްސިން މިހާރު ފުރިހަމަ ކޮށްފައެވެ. އިސްރާއީލްގެ އާބާދީ އަރަނީ ނުވަ މިލިއަނަށެވެ.

އިސްރާއީލުން މިހާރު ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ގިނަ ފިޔަވަޅުތަކަށް ލުއިތައް ވެސް ދޭން ފަށާފައެވެ. ކޮވިޑުން ދިފާއުވުމަށް މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ވެސް މިހާރު ވަނީ އުވާލާފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ވެކްސިން ޕްރޮގްރާމްތައް ގައުމުތަކުގައި ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ ކޮވިޑުން ސަލާމަތް ވުމަކީ ކުރެވިދާނެ ކަމެއްކަން އިސްރާއީލުން ވަނީ ސާބިތުކޮށްދީފައެވެ. ނަމަވެސް ވެކްސިން ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އާބާދީ ބޮޑެތި ގައުމުތަކުން މިބަލިމަޑުކަމުން އަރައިގަންނަން އަދިވެސް އެތައް ދުވަހެއް ނަގާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު